މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަންތައް ހިންގާފައި ވަނީ އައްޑޫ ސިޓީ ހުޅުމީދޫ، ތ. ވޭމަންޑޫ، ހދ.ކުރިނބީ، ނ. ޅޮހީގެ އިތުރުން ނ. މާފަރުގައި ކަމަށެވެ. އެގޮތުން ހުޅުމީދޫން ހައްޔަރުކޮށްފައި ވަނީ އެކަކު ކަމަށާއި ކުރިންބީން ވެސް ހައްޔަރުކޮށްފައި ވަނީ އެކަކު ކަމަށް ފުލުހުން ބުނެއެވެ. އަދި ޅޮހިން ހައްޔަރު ކޮށްފައި ވަނީ 2 މީހެއް ކަމަށާއި މާފަރުން އެކަކު އަދި ވޭމަންޑޫން ވެސް ހައްޔަރުކޮށްފައިވަނީ އެކަކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އިއްޔެ ޅޮހިން ބަޔަކު ހައްޔަރު ކޮށްފައި ވަނީ ޅ. ހިންނަވަރުން ފުރައިގެންދާ ޑިންގީއަކުން ޅޮއްސަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި އިއްޔެ އެރަށު ބަނދަރާ ޑިންގީއެއް ގާތްކުރި ވަގުތު ފުލުހުން ޑިންގީއަށް އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓާއި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަަލއިގައި ޅޮހިން ހައްޔަރު ކުރި ދެމީހުންނަކީ އުމުރުން 21 އަހަރާއި 36 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ކުރިނބީން މީހަކު ހައްޔަރުކޮށްފައި ވަނީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އިއްޔެ ކުރިނބީ ބަނދަރުމަތިން މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ވޭމަންޑޫން މީހަކު ހައްޔަރުކޮށްފައި ވަނީ އެ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ. މި ދިޔަ ހުކުރު ދުވަހު އެރަށު މަގުމަތިން މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮސްފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދީ އޭނާގެ ބަންދަށް ވަނީ ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ތިން ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހުޅުމީދޫން މީހަކު ހައްޔަރުކޮށްފައި ވަނީ ވެސް ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އެ ގޮތުން މި ދިޔަ ބުރާސްފަތި ދުވަހު އެރަށުގެ މަގުމަތިން މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއަކާއި 1.5 ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 20 އަހަރުގެ މީހެކެވެ. އަދި އެނާގެ ބަންދަށް މީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މާފަރުން މީހަކު ހައްޔަރު ކޮށްފައި ވަނީ މާލެއިން މާފަރަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން އަންނަ މީހެއްގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ޝައްކު ކުރެވެ މީހާ ހޮސްޕިޓަލަށް ގެންގޮސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.