ކޮވިޑް-19ގެ ހާލަތުގައި މާލޭގައި ހިންގާ ޑޭ ކެއާ ސެންޓަރުތަކުގެ ހިދުމަތް ފެށުމުގައި އަމަލު ކުރާނެ ގޮތްތައް (އެސްއޯޕީ) އެކުލަވާލައި މިއަދު ޖެންޑާ މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކޮށްފިއެވެ.

މި އެސްއޯޕީގައި ވަނީ ޑޭ ކެއާގެ ހިދުމަތްތައް ދިނުމުގައި އަމަލު ކުރަންވީ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި، މުވައްޒަފުންނާއި ބެލެނިވެރިން ވެސް އަމަލު ކުރަންވީ ގޮތް ބަޔާން ކޮށްފައެވެ.

އެގޮތުން، ޑޭ ކެއާގެ ހިދުމަތްތައް ފަށާއިރު، ކޮންމެ ޝިފްޓެއްގެ ކުރިން ތަން ޑިސްއިންފެކްޓް ކުރަން ޖެހޭއިރު ވަންނަ ދޮރު ކައިރީ އަތް ސެނިޓައިޒް ކުރެވޭނެ އިންތިޒާމްކޮށްފައި ހުންނަން ވާނެއެވެ. އަދި މޭޒާއި ގޮނޑީގެ އިތުރުން ހިފާ ގެންގުޅޭ ތަކެތި ފަދަ ގިނައިން އަތްލާ ތަންތަން ކޮންމެ 2 ގަޑިއަކުން ސާފު ކުރަން ޖެހޭނެ ކަމަށް އެ އެސްއޯޕީގައި ވެއެވެ.

ހަމައެއާއެކު ކުދިން ކުޅޭ ސާމާނު ކޮންމެ ގްރޫޕެއް ނިމުމުން ވަކިން ސާބޯނިލާ ސާފު ކުރަން ޖެހޭނެއެވެ. އަދި ކޮންމެ ގްރޫޕެއްގައި 3 ކުދިން ނުވަތަ 4 ކުދިންނަށް ވުރެ ގިނަ ކުދިން ތިބެގެން ނުވާނެ ކަމަށް ކަނޑައަޅާފައި ވާއިރު، ކުދިން ބަލަހައްޓާ މީހުންގެ ޑިއުޓީ ބަހާފައި ހުންނަން ވާނީ އެކަކު އަނެކަކާ ދިމާ ނުވާ ގޮތަށެވެ. އަދި ކޮވިޑް-19ގެ އަލާމާތެއް ފެންނަ ނަމަ އެއިން މީހަކު ޑިއުޓީއަށް ނިކުތުން މަނާ ވާނެ ކަމަށް އެސްއޯޕީގައި ވެއެވެ.

އެސްއޯޕީގައި ވާ ގޮތުން ކުދިން ބަލަހައްޓާ މުވައްޒަފުން، ކުދިން ބަލަހައްޓާ ގަޑިތަކުގައި ތިބެން ވާނީ ސާޖިކަލް މާސްކު އަޅައިގެންނެވެ. އަދި ޑޭ ކެއާގައި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުން ފޮތި މާސްކު އެޅުމަކުން މައްސަލައެއް ނެތް ކަމަށް ވެސް އެސްއޯޕީގައި ވެއެވެ.

ހަމައެއާއެކު ސިއްހީ ސަލާމަތަށްޓަކައި ކުދިން ބަލަހައްޓާ ތަނަކަށް ބެލެނިވެރިން ވަނދެ ނިކުމެ ހެދުމަކީ މަނާ ކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ކުއްޖަކު އުޅޭ ގެއެއްގެ މީހަކު ކަރަންޓީނުގައި ނުވަތަ އައިސޮލޭޝަނުގައި ހުރި ނަމަ، އެ ކުއްޖަކު ޑޭ ކެއާ އަށް ނުގެންދިއުމަކީ ބެލެވިރިންގެ ޒިންމާއެއް ކަމަށް މި އެސްއޯޕީގައި ވެއެވެ.