ޗެކު ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާ ކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ޖިނާއީ ދައުވާ ނުކުރުމަށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި ދަރަނީގެ ގޮތުގައި ހޯދާފައިވާ ފައިސާއެއް އަނބުރާ ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކެއް ބައުންސް ވެގެން ހުށަހެޅޭ މައްސަލަތައް ހިމެނެއެވެ. އަދި މައްސަލައިގައި ހިމެނޭ މުއާމަލާތުގައި ރިބާ އެކުލެވޭ ކަމަށް ބެލެވޭނަމަ ނުވަތަ މައްސަލައިގައި ހިމެނޭ މުއާމަލާތުގައި އެކުލެވޭ ޕްރިންސިޕަލް އެމައުންޓާ މެދު ދެޚަސްމުން ހިލާފުވާ ހާލަތުގައި ޕްރިންސިޕަލް އެމައުންޓު ސާބިތުވާ ހަރުދަނާ ހެއްކާއި ގަރީނާ ލިބިފައިނުވާ މައްސަލަތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން މަނިޓަރީ ގަވާއިދާ ހިލާފަށް ލައިސަންސް ނެތި ވިޔަފާރި އުސޫލުން ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލަތަކުގައި ވެސް ޖިނާއީ ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އަގު ފިޔަވައި އެހެން އަގެއްގައި ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލައެއް ވާނަމަ އެފަދަ މައްސަލައެއްގައިވެސް ޖިނާއީ ދައުވާ ނުކުރުމަށް ވެސް ޕީޖީން ވަނީ ނިންމާފައެވެ.
ފުލުހުން ބުނީ މި އުސޫލުތަކުގެ އިތުރުން އާއްމު އުސޫލެއްގެ ގޮތުން، ދެ ފަރުދެއްގެ މެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ދޫކޮށްފައިވާ ޗެކަކީ ކުންފުންޏެއްގެ ނުވަތަ އެނޫންވެސް ގާނޫނީ ޝަހުސެއްގެ އެކައުންޓުން ދޫކޮށްފައިވާ ޗެކެއް ކަމަށްވާނަމަ އެފަދަ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދެމީހެއްގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތިންވަނަ ފަރާތަކުން ޗެކް ދޫކޮށްފައިވާ މައްސަލަތަކުގައި ވެސް ދައުވާ ނުކުރުމަށް ނިންމާފައިވާއިރު، ފައިސާ އިންވެސްޓުކޮށްފައި ލިބޭ ފައިދާ ހިއްސާކުރާގޮތަށް އެއްބަސްވެ ކުރެވިފައިވާ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކް ބައުންސްވާ މައްސަލަތަކުގައި ވެސް ޖިނާއީ ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން މިފަދަ މައްސަލައެއް އެއްވެސް މީހަކަށް ދިމާވެއްޖެނަމަ ޖެހޭނީ ލިބުނު މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އެމީހަކު އަމިއްލައަށް އެ މައްސަލައެއް ކަމާބެހޭ ޝަރުއީ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ޕްރޮސިކިއުޓަރު އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޗެކް ބައުންސް މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ހުށަހެޅޭ ހާލަތުގައި، އެފަދަ މައްސަލައެއްގައި ދައުވާ ކުރުމަށް ފޮނުވާފަހުން ޗެކަށްވާ ފައިސާ ބަދަލު ލިބޭ ފަރާތަށް ދައްކާ ހަލާސްކުރި ކަމުގައިވީ ނަމަވެސް، އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާ ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހުން ނިންމާފައިވާކަން ފުލުހުން ފާހަގަކުރެއެވެ.
އެހެންކަމުން، ޗެކް މެދުވެރިކޮށް މުއާމަލާތުތައް ހިންގުމުގައި މި ކަންކަމަށް ސަމަލުކަން ދީ ކުރެވޭ މުއާމަލާތަކީ ރައްކާތެރިކަމާއެކު ކުރެވޭ މުއާމަލާތެއްކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.