ރާއްޖެއިން ކޮވިޑް-19 ޖެހގެން ނިޔާވި މީހުންގެ އަދަދު 43 އަށް އަރައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މައުލޫމާތު ދޭ ގޮތުގައި މިއަދު ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ ދިވެހި ފިރިހެނެކެވެ. އުމުރުން 79 އަހަރުގެ އެ މީހާ ނިޔާވީ މިއަދު ހެނދުނު 10:50 ހާއިރެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 43 ވަނަ މީހާ ކަމަށް އެޗްއީއޯސީން ވަނީ ކަނޑައަޅާފައެވެ.‏

މި ބައްޔަށް އިއްޔެ އިރުއޮއްސި 6:00 އާ ހަމައަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 12،154 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،262 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 846 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 49 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 246 މީހަކު އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު 43 އަށް އަރާފައި ވާއިރު، އެޗްޕީއޭއިން ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު ނިޔާވެފައި ވަނީ ކޮވިޑް މަރަކުން ނޫން ކަމަށް ނިންމާފައެވެ.

މިހާތަނަށް މި ބަލީގައި މަރުވެފަައި ވަނީ 36 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.