މޫސުން ގޯސްވެ. އުތުރުން ހއ. އަތޮޅުން ޅ އަތޮޅަށާއި ދެކުނުން ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ކަމަށެވެ.

އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ އިދާރާ އިން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން ވެސް އެކަށީގެންވެއެވެ.

ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާއި ދެމެދު ހުންނާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާ ކޮށްފައެވެ.

އެ އިދާރާއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސް ކޮށްފައެވެ.