ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ރައްޔިތުންނަށް ފޯރުކޮށް ދޭ އަސާސީ ހިދުމަތް ތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުގެ ދަށުން ދޭ ބަހުގެ ހިދުމަތް ހޯދާ ފަސިންޖަރުން ބަހަށް އަރައި ފޭބުމަށް ހާއްސަ ކޮށްގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބިނާ ކޮށްފައިވާ ބަސްހުއްޓި ހުޅުވައި ދެއްވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ރައީސް އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންނަށް އަމާން ކަމާއެކު ހަމަޖެހިގެން ދިރި އުޅެވޭނެ މަގު ފަހިކުރުމަށް ކަމަށެވެ.

އަދި އެ ބަސް ހުއްޓީގެ ސަބަބުން މަގުމަތީގެ ދަތުރުފަތުރުގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަ ކަމެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، ޓްރެފިކް މައްސަލަ ހައްލު ކުރުމާއި، ރައްޔިތުންނަށް އަމާން ކަމާއި ސަލާމަތްތެރި ކަމާއެކު މަގުތައް ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މާލޭގެ މަގުތައް ބޭނުން ކުރާ ފަރާތްތަކުން ވެސް ޒިންމާދާރު ކަމާއެކު ހިދުމަތްތައް ލިބިގަތުމަށާއި މަގުތަކުގައި ޕާކު ކުރުމުގައި ވެސް އެހެން މީހުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް އަމަލު ކުރުމަށް ނައިބް ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވަނީ، ސްޓެލްކޯގެ އިސްވެރިންނާއި އެ މުއައްސަސާގެ މުވައްޒަފުންގެ މަސައްކަތް ފާހަގަ ކުރައްވާ ޝުކުރު ދަންނަވާފައެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓާ އޮފް ހެލްތް، އަހްމަދު ނަސީމާއި، ރައީސްގެ އޮފީހުގެ މިނިސްޓަރު، އަހްމަދު ސަމީރާއި، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުގުނީއާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްޓެލްކޯ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ބިނާ ކޮށްފައިވާ އެ ބަސްހުއްޓިއަކީ ދަތުރުވެރިން، އަވިންނާއި ވާރެއިން ސަލާމަތްވެ ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ބަސްހުއްޓިއެކެވެ.