މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (ޑްރައިވަރު އައިންތު)ގެ ކާރަށް ގެއްލުން ދިން މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ޑްރައިވަރު އައިންތުގެ ކާރަށް ގެއްލުން ދިން މައްސަލައާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު އެކަކު ހައްޔަރުކޮށް އިއްޔެ އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާ މި މަހުގެ 5 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި 26 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެއަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ދެވަނަ ފަހަރަށް މުއްދަތު ޖަހަން ކޯޓަށް ގެންގޮސްފައިވާ ކަމަށާ އަދި އެ ދުވަހު އޭނާގެ ބަންދަށް އިތުރު 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މާލޭގެ އިއްޒުއްދީން މަގު، ތޮއިބާ މިސްކިތް ކައިރީ ޕާކްކޮށްފައި އޮތް އައިންތުގެ ޓެކްސީގެ ވިންޑް ސްކްރީން ތަޅާލައި ގެއްލުންދީފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އައިންތު ބުނެފައިވާ ގޮތުގައި މިއީ އޭނާ ޓެކްސީ ކުރަން ފެށި ފަހުން ކާރުގެ ބިއްލޫރިގަނޑު ތަޅާލި 5 ވަނަ ފަހަރެވެ.
މިހެން މިކަން ވުމުގެ ސަބަބުން އޭނާއަށް ބޮޑެތި ގެއްލުންތަކެއް ވާ ކަމަށް އައިންތު ބުނެފައި ވެއެވެ. އަދި މިކަމުގެ ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންނާ އާންމުންގެ އެހީތެރިކަން އޭނާއަށް ބޭނުންވާ ކަމަށް ވެސް އައިންތު ބުނެފައި ވެއެވެ.
އައިންތުގެ ކާރަށް ގެއްލުންތަކެއް ލިބި އާމްދަނީއަށް ހުރަސްއެޅިފައި ވަނިކޮށް،ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ އައިންތުގެ ކާރު މަރާމާތުކޮށް ދެއްވާފައެވެ.
މީގެކުރިންވެސް ޑްރައިވަރު އައިންތުގެ ކާރަށް ވަނީ ގެއްލުން ދީފައެވެ. އެފަހަރު އޭނާގެ ކާރަށް ގެއްލުން ދީފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށް ބުނެފައިވެއެވެ. އައިންތު ޓެކްސީ ކުރަން ފަށާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ޓެކްސީ ޑްރައިވަރެކެވެ.