ރާއްޖޭގެ ބައެއް ސަރަހައްދަށް މޫސުން ގޯސްވެ ރ އަތޮޅުން ފެށިގެން އދ އަތޮޅާ ދެމެދުގެ ރަށްރަށަށް ޔެލޯ އެލާޓް އަދި ތ އަތޮޅުން ފެށިގެން އައްޑުއާ ދެމެދަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ، ރ އަތޮޅުން ފެށިގެން އދ އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދުގެ މެންދުރުފަހު 3:00 އިން މިރޭގެ 7:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ. އެގޮތުން މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މިއަދު ތ އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު ފަހު 3:30 އިން ފެށިގެން މިރޭގެ 8:30 އާ ދެމެދަށެވެ. އެ ސަރަހައްދަށް ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
ހަމައެއާއެކު އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ރާޅުގެ އުސްމިނުގައި 6 ފޫޓާއި 3 ފުޓް ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ދެކުނު އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެން ވާ ކަމަށާއި ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސް ކުރެއެވެ.