މި ނޮވެމްބަރު މަހުގެ މިހާތަނަށް 10972 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޯޑާރު ބަންދު ކުރުމަށްފަހު ހުޅުވާލިފަހުން 51354 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެ އައި 382760 ފަތުރުވެރިންނާއި، އޭޕްރީލްމަހުން ޖުލައި މަހު 14 އާ ހަމައަށް ބޯޑަރު ބަންދުކޮށްފައި އޮތް މުއްދަތުގައ ިއައި 87 ފަތުރުވެރިންނާއެކު މިއަހަފރު އެކު ޖުމްލަ 434201 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ އެވްރެޖްކޮށް ބަލާނަމަ، ދުވާލަކަށް 2020 ފަތުރުވެރިންނެވެ.

ޖުލައި 15ގައި ބޯޑަރު ހުޅުވުމާއެކު އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރަޝިއާގެ 11240 މީހުން ރާއްޖެ ޒިޔާރަތްކޮށްފައި ވާއިރު، އިނގިރޭސިވިލާތުގެ 4468 މީހުންނާއި އަދި ޔޫއެސްއޭގެ 3927 މީހުން އަދި ޔޫއޭއީގެ 3858 މީހުން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ހަމައެއާއެކު އިންޑިއާގެ 3418 މީހުންނާއި ޖަރުމަނުގެ 2592 މީހުން ވެސް ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ބޯޑަރު ހުޅުވާލިފަހުން 16 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރަމުންދާއިރު 10 އެއާލައިނަކުން އަންނަ މަހުގެ ނިޔަލަށް ދަތުރުތައް ފަށާނެއެވެ. އެގޮތުން އަންނަ މަހުގެ ނިޔަލަށް ދަތުރުތައް ފަށާން ހަމަޖެހިފައި ވަނީ ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންސް، ނޯޑްވިންޑް، އަޒުރް އެއާ ރަޝިއާ، އަލްޓާލިއާ، އެއާ ފްރާންސް، އަޒުރް އެއާ ޔޫކްރެއިން، ނެއޮސް ސްޕާގެ އިތރުުން ގުލްފް އެއާ އަދި ރޮޝިއާ އެއާލައިނުންނެވެ.

ކޮވިޑް-19ގެ ހާލަތަށް ބަލާލާއިރު، ބޯޑަރު ހުޅުވިފަހުން ރާއްޖެ ޒިޔާރަތްކުރި 51354 ފަތުރުވެރިންގެ ތެރެއިން 143 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 92 މީހަކު ބަލިން ރަނގަޅުވިއިރު، 51 މީހުން އަދިވެސް ތިބީ ބަލިކޮށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށްމިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 123 ރިސޯޓާއި 87 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 121 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. އެއީ 33014 އެނދެވެ. މީގެ އިތުރަށް އަންނަ ޑިސެމްބަރުމަހުގެ ނިޔަލަށް 1340 އޮޕަރޭޓްކުރަން ފަށަން ނިންމާފައިވާއިރު އެއީ ސަފާރީއަކާއި، 8 ރިސޯޓެވެ.

މިހާރު އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގަިއ ބޭނުން ކުރަމުން ދަނީ ފަން އައިލެންޑް ރިސޯޓް، ވެލިދޫ އައިސޮލޭޝަން ފެސިލިޓީގެ އިތުރުން ސެންޓްރަލް އައިސޮލޭޝަން ފެސިލިޓީއެވެ.