ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ މަސައްކަތްތައް ރަށްތަކުގައި ހަރުދަނާ ކުރުމަށް އެކުލަވާލާ "ސްޓިއަރިން ކޮމިޓީ"ގެ އިންތިހާބު މިއަދު މެންދުރުފަހު ބޭއްވުމަށް ނިންމައިފިއެވެ.

މި އިންތިހާބު ބާއްވަނީ މިއަދު މެންދުރުފަހު 2:30 އިން ފެށިގެން އިރުއޮއްސި 6:00 އަށް ކަމަށް ޕީޕީއެމުން ބުނެއެވެ. ޕީޕީއެމުން ވަނީ މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނެގޮތް ވެސް އާންމުކޮށްފައެވެ. އެގޮތުން، މާލެއާއި ރަށްރަށުގެ ކޮމިޓީތަކަށް މާލޭގައި ވޯޓުލާނީ އިއްޒުއްދީން ސްކޫލް (އެމްއީއެސް)ގައި ކަމަށް އެ ޕާޓީން ބުނެއެވެ.

ހަމައެއާއެކު، ހުޅުމާލެއާއި ވިލިމާލޭގެ ކޮމިޓީތަކަށް ވޯޓުލާނީ އެ ދެއަވަށުގައި ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، ވޯޓު ލުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ގައިދުރު ކަމާއެކުއެވެ.

އިދިކޮޅު ކޯލިޝަނުން ކޮންމެ ރަށެއްގައި ސްޓިއަރިން ކޮމިޓީއެއް އެކުލަވާލަން ނިންމާފައި ވަނީ ޕީޕީއެމް/ޕީއެންސީ އިން ޒިންމާދާރު ވާދަވެރި އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި، ކުރަން ބޭނުންވާ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކަމަށް އެ ކޯލިޝަނުން ވަނީ ކުރިން ބުނެފައެވެ.

މި ކޮމިޓީތަކަށް މެންބަރުން ހޮވާނީ ރަށުގެ އާބާދީގެ ނިސްބަތަށް ބަލާފައި ހަތް މެންބަރުން ނުވަތަ ނުވަ މެންބަރުން ނުވަތަ 11 މެންބަރުންނެވެ. އަދި ކޮމިޓީގައި އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަ ސްލޮޓެއް ކަނޑައަޅާފައި ވެއެވެ. ޕީޕީއެމް ނުވަތަ ޕީއެންސީގެ ރަޖިސްޓްރީވެފައިވާ އުމުރުން 18 އަހަރުވެފައިވާ ކޮންމެ އަންހެނަކަށް އަންހެނުންގެ ސްލޮޓަށް ކުރިމަތިލެވޭނެއެވެ. ޒުވާނުންގެ ސްލޮޓަށް ކުރިމަތި ލެވޭނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށެވެ.