ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ނިއުނޯމަލްއަށް ދިއުމަށް ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިއަދާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން މިހާތަނަށް 144 ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުގައި މދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ފަހުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 51،354 އަށް އަރާފައެވެ. އަދި އެ އަދަދުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދު ވަނީ 144 އަށް އަރާފައި ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ޕޮޒިޓިވްވި 144 ފަތުރުވެރިންގެ ތެރެއިން މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 51 މިހުންނެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 93 މީހުން ކަމަށް ވެސް ޓުއަރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުން ދައްކައެވެ.

ބޯޑަރު ބަންދުކުރުމުގެ ކުރީގައި މި އަހަރުގެ ޖެނުއަރީ މަހުން މާޗް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 382،760 އެވެ. އެހެންކަމުން މި އަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މި ވަނީ 434،201 އަށް އަރާފައެވެ.

އެގޮތުން މި ޖުމަލއި މަހުގެ ފަހުން ރާއްޖެއަށް މި އަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމަކީ ރަޝީޔާއެވެ. ބޯޑަރު ހުޅުވިފަހުން އެ ގައުމުން 11،240 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއަށްފަހު ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 4468 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.

މިވަގުތު ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު އެކްޓިވް ކޭސްގެ ގޮތުގައި 812 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 355 ދިވެހިންނާއި 457 ބޭރު މީހުންނެވެ. 457 ބޭރުމީހުންގެ ތެރޭގައި 51 ފަތުރުވެރިން ހިމެނެއެވެ. ދެން ތިބި މީހުންނަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނެވެ.