ޓެރަރިޒަމް އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެކަން ހުއްޓުވުމަށް ރޭ ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ތ. ތިމަރަފުށިން ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިމަރަފުށިން ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމާފައި ވަނީ ތ. އަތޮޅު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން މިރޭއެވެ. އެ ކޯޓުން ނިންމާފައި ވަނީ އެ ދެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

މި އޮޕަރޭޝަން ވަނީ ތިން ސަރަހައްދެއްގައި ހިންގާފައެވެ. އެއީ ތިމަރަފުއްޓާއި މާލެއާއި މާލެ ސަރަހައްދު ކަނޑުމަތީގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިހާތަނަށް އައިރު ފުލުހުން ވަނީ ޖުމްލަ 6 މީހަކު ހައްޔަރުކޮށްފައެވެ. އެއީ މާލެއިން މީހަކާއި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހެއްގެ އިތުރުން ތިމަރަފުށިން 2 މީހަކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑުމަތިން ހައްޔަރު ކުރި ތިން މީހުން ތިބީ ލަނޑާ ނަގާ ދޯންޏެއްގައެވެ. އަދި އެ ދޯނީގައި ތިމަރަފުއްޓަށް ނިސްބަތް ވާ ބަޔަކު ތިއްބެވެ. އަދި ތިމަރަފުށިން ހައްޔަރު ކުރި މީހުންގެ ތެރޭގައި އެރަށު އެއާޕޯޓުގެ ޕަވާ ހައުސްގައި ވަޒީފާ އަދާކުރަމުންދާ މީހެއް ހިމެނެއެވެ.

ރޭ ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަކީ އުމުރުން 31 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެ ރަށަށް ފުލުހުންގެ ހާއްސަ ޓާސްކް ފޯހެއް އަރާފައި ވަނީ އިއްޔެ އިރުއޮއްސި 6:30 ހާއިރެވެ. އެރަށަށް ތިން ލޯންޗެއްގައި ގިނަ އަދަދެއްގެ ފުލުހުން ގޮސް ވަނީ ހަރަކާތްތެރި ވާން ފަށާފައެވެ. އެ ގޮތުން ހަރުކަށި ފިކުރުގެ ކަންކަމާ ގުޅިގެން ޝައްކު ކުރެވޭ 15 ގެއެއް ވަނީ ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދިވެސް ފުލުހުންގެ މި އޮޕަރޭޝަން ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.