ހަރުކަށި ފިކުރަށް ތަބާވަ ބަޔަކު ރާވަމުން ދިޔަ ޓެރަރިޒަމްގެ އަމަލެއް ފުލުހުން ހުއްޓުވިއިރު، އެއީ ތިމަރަފުށީގައި މިއަދު އޮތް ކުޑަކުދިންގެ ހަވީރަކަށް ދޭން އުޅުނު ހަމަލާއެއް ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުހުން ބުނީ، ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއް ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ ހައްސާސް މައްސަލަތަކުގައި ކަމާގުޅޭ އިދާާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތު ނޫނީ ނުފެތުރުމަށް ފުލުހުން ވަނީ މީޑިއާތަކަށް އިލްތިމާސް ކޮށްފައެވެ.

ފުލުހުން ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރާވަމުން ދިޔަ ބަޔަކު ހުއްޓުވާ، ރޭގެ ވަގުތެއްގައި އެ މީހުން ހައްޔަރުކޮށްފައެވެ. އަދި މިކަމާ ގުޅިގެން ތ. ތިމަރަފުށީގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށާފައިވާއިރު، މާލޭގެ ބައެއް ގެތަށް ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފައެވެ.

މިހާތަނަސް އައިރު ފުލުހުން ވަނީ ޖުމްލަ 6 މީހަކު ހައްޔަރުކޮށްފައެވެ. އެއީ ރޭ އޮޕަރޭޝަން ހިންގުމުގެ ތެރެއިން ތިމަރަފުށިން ހައްޔަރުކުރި 31 އަހަރުގެ މީހަކާއި، ރޭ އިރާކޮޅު ހައްޔަރުކުރި 5 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެއީ މާލެއިން މީހަކާއި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހެއްގެ އިތުރުން ތިމަރަފުށިން 2 މީހަކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑުމަތިން ހައްޔަރު ކުރި ތިން މީހުން ތިބީ ލަނޑާ ނަގާ ދޯންޏެއްގައެވެ. އަދި އެ ދޯނީގައި ތިމަރަފުއްޓަށް ނިސްބަތް ވާ ބަޔަކު ތިބި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިމަރަފުށި ހައްޔަރު ކުރި އެކަކީ އެރަށު އެއާޕޯޓުގެ ޕަވާ ހައުސްގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ.

އެ ރަށަށް ފުލުހުންގެ ހާއްސަ ޓާސްކް ފޯހެއް އަރާފައި ވަނީ އިއްޔެ އިރުއޮއްސި 6:30 ހާއިރެވެ. އެރަށަށް ތިން ލޯންޗެއްގައި ގިނަ އަދަދެއްގެ ފުލުހުން ގޮސް ވަނީ ހަރަކާތްތެރި ވާން ފަށާފައެވެ. އެ ގޮތުން ހަރުކަށި ފިކުރުގެ ކަންކަމާ ގުޅިގެން ޝައްކު ކުރެވޭ 15 އަށްވުރެ ގިނަ ގެ ތިމަރަފުށިން ފާސްކޮށްފައިވާއިރު، މާލެއިން ވެސް ވަނީ ގެއެއް ބަލާ ފާސްކޮށްފައެވެ.