ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ, މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދިޔަ އެއް މަސައްކަތް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ބިލިއާޑު ހައުސް ހުޅުވައިދެއްވުމަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ޖުމްހޫރީ ދުވަހެއް ފާހަގަ ކުރަމުންދާއިރު، ހިންގުމުގެ ދާއިރާގައި ޒުވާނުންގެ ދައުރު އިތުރުކުރަން ވިސްނަންޖެހިފައިވާ ކަމުގައި ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރަށް ދެ އަހަރު ވެގެންދާއިރު އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެމުންދަނީ ގާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ކަމުގައެވެ. އަދި ޒުވާނުންނަކީ މަސައްކަތްތެރި، އުފެއްދުންތެރި އަދި ގައުމަށް ފައިދާހުރި ބަޔަކަށް ވުމަށް އަޒުމް ކަނޑައެޅުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ނައިބު ރައީސް ވަނީ, ޒުވާނުންގެ ކުރިއެރުމާއި ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްއިން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި, އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހުޅުމާލެ ބިލިއާޑު ހައުސް ރަސްމީކޮށް ހުޅުވައިދެއްވުމަށް ފަހު, އެމަނިކުފާނު ވަނީ ރާއްޖޭގެ އެއްވަނަ އަންހެން ބިލިއާޑު ކުޅުންތެރިޔާ ކަމުގައިވާ އައިމިނަތު ފާތީއާއެކު ބިލިއާޑު މެޗެއް ކުޅުއްވާފައެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފާއި، އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރުއާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަންގަޅު ޒުވާން ޖީލެއް ބިނާކުރަން ބޭނުމިއްޔާ ފުަރަތަމަ ހަލާކުގެ ތެރެއަށް ވަށްޓާލާފަތިބި ޒުވާން ޖީލު ބިނާކުރަމާ.. އެކުދިންއަށް މުޖުތަމައުގަ އިޙުތިރާމާ ގަދަރާ ލޯއްބާ ދީ!!! ދެވިދާނެބާ؟؟؟ މި ކަންތައް އެންމެ ފުރަތަމަ ކިޔާދީ ވިސްނަދޭންވީ ދިވެހި ފުލުހުންއަށް. މި ވެރިންނާހުރެ ޒުވާނުންނަށް ކުޑަކޮށްވެސް ރަންގަޅު ވެވޭކަށް ނޯވޭ...