ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން އަންނަ ހޯމަ ދުވަހަށް ތާވަލު ކޮށްފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު މި މައްސަލައިގައި ބޭއްވި އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެފައި ވަނީ ދެން މި މައްސަލާގައި ފަނޑިޔާރުން އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން ބޭއްވޭނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތުގެ މަޖިލިސް ކަމަށެވެ.

ޔައުގޫބްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާ ދިނުމަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. މި މައްސަލާގައި ފުރަތަމަ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

އެ އަޑުއެހުމުގައި އިދިކޮޅު ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އައްސަދު ވަނީ ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާ ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް ވެސް އެދިފައެވެ. އެއީ މި މައްސަލައަށް ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން މަޖިލީހުގެ މަސައްކަތްތަކުން ޔައުގޫބް އެކެހެރިވެވަޑައިގަތުމަށް ހުށަހެޅުއްވި ވަގުތީ އަމުރެކެވެ. ނަމަވެސް އެ ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ފުރަތަމަ އަޑުއެހުމުގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައިދިނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރު ކަން ޔައުގޫބް ގަބޫލު ކުރެއްވި މައްސަލައިގައެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނާ ގޮތުން، މަޖިލިހުގެ މެންބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ. އެ އިންސްޓިޓިއުޓުގެ ކައުންސިލު މެންބަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ގާނޫނު އަސާސީގައި އޮތް އެއްޗެއް ޔައުގޫބަށް އެނގިވަޑައި ނުގަތުމުން ގިނަ ބަޔަކު ދަނީ އެކަމާ ފާޑުވެސް ކިޔަމުންނެވެ. އެކަމަށް ފާޑު ކިޔި ބައެއް ފަރާތްތަކުން ބުނެފައިވަނީ ޔައުގޫބުގެ މެންބަރުކަމުގެ ޝަރުތު ނެތިއްޖެ ކަމަށެވެ.

ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއަކާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ބޭރުން ހަވާލުވެވަޑައިގަތުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ. އަދި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މަޖިލިސް މެންބަރުންގެ ޝަރުތުތައް ގެއްލޭނެ ކަމެކެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރާއި އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ. ޔައުގޫބު އެ މަގާމާ ހަވާލު ވުމަށްފަހު، ފަހުން އޭނާ ވަނީ އިސްތިއުފާދެއްވާފައެވެ. ނަމަވެސް މަގާމާ ހަވާލުވެވަޑައިގެން މަގާމުގެ ފަތްކޮޅާވެސް ޔައުގޫބު ހަވާލުވެވަޑައިގަތެވެ.