ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަކީ މާލެ ރައްޔިތުންގެ ބޯ ހިޔާވަހިކަމުގެ އުންމީދުގައި ކޮޅުފައިން ޖެހުންކަމަށާއި މިސަރުކާރުން އެކަން އެހެން ނުކުރުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މުއިއްޒު މިހެން ވިދާޅުވީ ގުޅީފަޅުގައި އަޅަން ނިންމާފައިވާ ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓް ގެ މަސައްކަތް ނިންމުމަށް އަންނަ އަހަރަށް ފައިސާ ބަޖެޓުކޮށްފައިވާ ކަމަށާއި އަދި ޕޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް މި ސަރުކާރުން ބުނުމާއެކުގައެވެ.

މުއިއްޒު ވިދާޅުވީ، ގުޅީފަޅު ޕޯޓް ހެދުން އަދިވެސް ހުއްޓާލެވިދާނެ ކަމަށެވެ. އަދި މާލެ ރައްޔިތުންނަށް ހެޔޮ އެދޭނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތް ގޮތަށް އެ ޕޯޓުގެ މަޝްރޫއު ތިލަފުއްތަށް އަދިވެސް ބަދަލު ކުރެވިދާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ގުޅީފަޅަކީ ރައިސް ޔަމީން ސަރުކާރުގައިވެސް ހައުސިން ޔުނިޓްތައް އެޅުމަށާ ބޯހިޔާވަހިކަން ބޭޏުންވާނެ ފަރާތްތަކަށް ގޯތި ދޫކުރުމަށް ޕްލޭންކޮށްފައިވާ ތަނެއް ކަމަށެވެ. އެގޮތުން ގުޅީފަޅަކީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުގެ އުންމީދެއް ކަމަށާއި އެ އުންމީދުގައި ކޮޅުފައިން ނުޖެހުމަށް މި ސަރުކާރަށް އޭނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ބިން މުއްސަނދި މަދު ބަޔަކަށް ވިއްކާ ހުސްކޮށްލުމުގެ ބަދަލުގައި ރައްޔިތުންގެ ބޯހިޔާ ވަހިކަމަށް ލިބވޭގޮތް ހެދުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މުއިއްޒު މީގެ ކުރިންވެސް ވަނީ ގުޅީފަޅުގައި ޕޯޓު އެޅުމުގެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ޓަކައި ތިލަފުށީގައި ބަނދަރު ހަދަން ކުރީގެ ސަރުކާރުން ރާވައިފައިވާ ނަމަވެސް ތިލަފުށީގެ ބަދަލުގައި ގުޅީފަޅުގައި ބަނދަރު ހަދާގޮތަށް ނިންމީ މި ސަރުކާރުންނެވެ. މި ސަރުކާރުން އެގޮތައް ނިންމުން ބަދަލު ކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައި ވަނީ ތިމާވެށީގެ ގޮތުން ބަލާއިރު އެއީ ވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ވުމުން ކަމަށެވެ.

ތިލަފުށީގެ ބަދަލުގައި ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމީ ބަނދަރުގައި ކުރާ ހުރިހާ މަސައްކަތެއް އެތަނަށް ބަދަލުކޮށް މާލެއަށް ބޮޑު ބަދަލެއް ގެންނަ ގޮތަށް ރާވައިގެން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރުގެ ބަޖެޓު ހުށަހަޅަމމުން ފިނޭންސް މިނިސްތަރު ބަޔާން ހުށަހަޅުއްވަމުން ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ތެރޭގައި ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށާއި އެކަމަށް 476 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓުގެ މަޝްރޫއާ އެކުއެކީގައި މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ. ބްރިޖްު މަސައްކަތަށް ވަނީ 469 މިލިއަން ރުފިޔާ ބަޖެޓްކޮށްފައެވެ.