ދިވެހި ރައްޔިތުންގެ އިންވެސްޓްމަންޓްތަކަށް ހިޔަނި އެޅޭފަދަ ގޮތަކަށް ސަރުކާރުން ކޯޕަރޭޓް ރެސިޑެންޓް ވީސާ ތައާރަފު ކޮށްފައިވާކަމަށް ބުނެ މައުލޫމާތު ދެމުންދާތީ ކޯޕަރޭޓް ރެސިޑެންޓް ވީޒާއާބެހޭ ސައްހަ މައުލޫމާތު އާންމުންނާއި ހިއްސާކުރުމަށް އިލްތިމާސް ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ކޯޕަރޭޓް ރެސިޑެންޓް ވީސާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް އާންމުންގެ ތެރޭގައި ހިއްސާކުރަމުން އަންނަ ކަމަށެވެ.
އެމައުލޫމާތު ސާފުކޮށްދިނުމުގެ ގޮތުން މިނިސްޓްރީން ބުނީ ދިވެހި ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވީސާ ދޫކުރުމާބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓުކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން އެޕްރިލް 27، 2015 ކަމަށެވެ. އަދި އެ ގަވާއިދާއި އެކު ކޯޕަރޭޓް ރެސިޑެންޓް ވީސާއާއި ގުޅުވައިގެން އިނާޔަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ އާއި ޓެކްސް ފްރީ އާއި ފާސްޓް ޓްރެކް ސާވިސް ފަދަ ހިދުމަތްތައް ޕްރޮމޯޓު ކުރަމުން އެދުވަސްވަރު އައިސްފައިވާ ކަމަށެވެ.
އެފަދަ އިނާޔަތްތައް ކޯޕަރޭޓް ރެސިޑެންޓް ވީސާއާއި ގުޅުވައިގެން ދިނުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫންކަން އާންމުންނަށް އޮޅުން ފިލުވައިދިނުމަށް ބޭނުންވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ އިމިގްރޭޝަން ގާނޫނަށް ގެނެވުނު އިސްހާލު ގެޒެޓުކުރެވުމުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރާނީ އެ އިސްލާހުގައި ބަޔާންކުރާ ގޮތުގެ މަތިން، އެ ގާނޫނުގެ ދަށުން ރަޖިސްޓްރާ އޮފް ބިޒްނަސަސް އަލަށް އެކުލަވާލާ ގަވާއިދެއްގެ ދަށުން ކަމަށެވެ.
އެ އިސްލާހުގައިވާ ގޮތުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓްތަކަށާއި ދިވެހިރާއްޖޭގެ ބޭންކެއްގައި ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން މަދުވެގެން 250,000 އެމެރިކާ ޑޮލަރު ދިވެހިރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް އަލަށް އެކުލަވާލާ ގަވާއިދުގެ ދަށުން، ކޯޕަރޭޓް ރެސިޑެންޓް ވީސާ 5 އަހަރުން އާ ކުރެވޭނެ ގޮތަކަށް ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެ އިސްލާހަށް އަމަލުކުރަން ފެށުމުން ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުން ޓޫރިސްޓު ވީސާގައި އައިސް ވިޔަފާރިއާބެހޭ ކަންތައްތައް ކުރުމުގެ ބަދަލުގައި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުން ކޯޕަރޭޓް ރެސިޑެންޓް ވީސާގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ކުރިއެކޭ އެއްގޮތަށް ރާއްޖޭގައި އަލަށް ވިޔަފާރި ކުރުމަށް އެދޭ ކޮންމެ ފަރާތަކުންވެސް ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު ގެ ދަށުން ހުއްދަ ހޯދައި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރުމަށް ލާޒިމުވާނެ ކަމަށެވެ.