ހިތާނު ކުރާ ކުދިން އެއް ހޯލެއްގައި ނުބައިތިއްބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަންގައިފިއެވެ.
އެޗްޕީއޭއިން ވަނީ ހިތާން ކުރާ ގިނަ ކުދިން އެކުގައި އެއްތަނެއްގައި ބޮޑެތި ހޯލް ފަދަ ތަންތަނުގައި ނުބައިތިއްބުމާއި އަދި އަމިއްލަ ގޭގައި ކުދިން ބެއިތިއްބުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެދިފައެވެ. އަދި 1 ކުއްޖަކަށްވުރެ ގިނަ ކުދިން ބައިތިއްބާނަމަ އެއްގޭގައި އެއްކޮށް ދިރިއުޅޭ ކުދިން ނުވަތަ އެއް އާއިލާއެއްގެ ކުދިން ބެއިތިއްބުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.
އެޗްޕީއޭ އިން ވަނީ ކުދިން ބައިތިއްބާ ތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމާއި މަދުވެގެން 3 ފޫޓުގެ ގައިދުރުމިން އިންތިޒާމް ހަމަޖެއްސުމަށް ވެސް އެދިފައެވެ.
ގެއަށް މީހުން ޒިޔާރަތްރާއިރު ގިނަ މީހުން އެއްފަހަރާ ގެއަށް ޖަމާ ނުވާނެގޮތަށް ޒިޔާރަތްކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. އަދި ކޯވިޑްގެ އަލާމާތް ފެންނަ މީހުން ގެއަށް ޒިޔާރަތް ނުކުރުމަށާއި ގެއަށް ޒިޔާރަތްކުރުމުގައި ކޯވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އާންމު ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ.
އޭގެ އިތުރުން ގެއަށް ޒިޔާރަތްކުރާ މީހުން ގިނައިރު މަޑުނުކުރުމަށް ބާރުއެޅުމަށާއި ގިނަ މީހުން އެއްވާގޮތަށް ޕާޓީ ތަކާއި މިއުޒިކް ޝޯ ފަދަ މުނިފޫހިފިލުވުމުގެ ހަފްލާތައް ނުބޭއްވުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް-19 ޕެންޑެމިކް ހާލަތުގައި ހިތާން ކުރުމާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ކުދިން ހިތާނު ކުރުމުގައި އަންގާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދިފައެވެ.