ކުޑަކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު 15 އަހަރަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު ޝަމީމް (ޕީޖީ) ވިދާޅުވީ ރ. ދުވާފަރުގައި ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި މީހަކާ ދެކޮޅަށް ކުށް ސާބިތުވެފައިވާ ކަމަށެވެ.

އެ ކުށް ސާބިތުވެފައި ވަނީ ޑީއެންއޭ ހެކީގެ އިތުރުން ރޭޕްގެ ޝިކާރައަކަށް ވި ކުއްޖާގެ ބަޔާނުގެ ސަބަބުން ކަމަށެވެ. އަދި އެ ކުށް ސާބިތުވި މީހާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި އަހަރު ތެރޭ ރޭޕްގެ ގިނަ މައްސަލަތަކެއް ނިންމާ ހުކުމް ކޮށްފައި ވާއިރު އެންމެ ފާހަގަ ކޮށްލެވެނީ ގެވެށި އަނިޔާގެ ޝިކާއަރަކަށް ވެ 2015 ވަނަ އަހަރު ނިޔާވި ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހްގެ މައްޗަށް ކުރި ދައުވާ ސާބިތުވެ ހުކުމް ކުރުމެވެ. އަދި އޭނާ ވަނީ 3 އަރުގެ ޖަލު ހުކުމެއް ފުރިހަމަވެސް ކޮށްފައެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި ވެސް ވަނީ ރޭޕް ކުރިކަމުގެ ކުށް ސާބިތުވެ ގދ. ތިނަދޫ، ހުޅަނގުގެ، ހަސަން ފާއިޒު (ޖޭސަން) 15 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ.