ގޫގުލް ލޫން ޕްރޮޖެކްޓްގެ ބެލޫނެއް އަނެއްކާވެސް ރާއްޖެ ސަރަހައްދަށް ވެއްޓިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގޫގްލް ލޫން ޕްރޮޖެކްޓުގެ ބެލޫނެއް ގދ. ވާދޫގެ ހުޅަނގުން އައްޑޫ ކަނޑަށް މިއަދު ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރީއާގެ ސިފައިން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

އެ ބެލޫން ވެއްޓެމުންދާ ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 08:30 ހާއިރު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ އޮޕަރޭޝަން ސެންޓަރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އެއާ ޓްރެފިކް ކޮންޓްރޯލުން ދިޔައީ މޮނިޓާ ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ގޫގުލް ލޫން ޕްރޮޖެކްޓްގެ ބެލޫނެއް އަނެއްކާވެސް ރާއްޖެ ސަރަހައްދަށް ވެއްޓިފައި / ފޮޓޯ: އެމްއެންޑީއެފް

އެ ބެލޫން، ރާއްޖޭގެ ލޯކަލް އޭޖެންޓާ ހަވާލު ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓުގާޑު ސްކޮޑްރަރުން ހަރަކާތްތެރި ވަމުން ދާއިރު މިއީ ރާއްޖެ ސަރަހައްދަށް ވެއްޓުނު ދެވަނަ ބެލޫނެވެ.

މީދިޔަ މަހުގެ 29 ވަނަ ދުވަހުވެސް ވަނީ އޭގެ ބެލޫނެއް ރާއްޖެ ސަރަހައްދަށް ވެއްޓިފައެވެ. އެ ބެލޫން ވެއްޓިފައި ވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ.