މާލޭގެ ލޮނު ޒިޔާރަތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ތަރައްގީ ކުރުމުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވި މައްސަލަ އިސްލާހު ކުރުމަށް އަނބުރާ އޭސީސީއަށް މިއަދު ފޮނުވާލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ،މި އޭސީސީން ޕީޖީއަށް ހުށަހެޅި މައްސަލަ އަނބުރާ ފޮނުވައިލީ ބައެއް ކަންކަން އިސްލާހުކުރަން ޖެހޭތީ ކަމަށެވެ. އެ ކަންކަން ފުރިހަމަކުރުމަށް ފަހު އަލުން އެ މައްސަލަ ޕީޖީއަށް ހުށަހަޅާނެ ކަމަށް ޕީޖީން ބުނެއެވެ. އޭގެ ތެރޭގައި ދައުވާ ކުރުމުގެ ކުރިން އިސްލާހު ކުރަންޖެހޭ ކަންކަމާއި ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހިމެނެއެވެ.

އޭސީސީން މި މައްސަލަ ޕީޖީއަށް ހުށަހަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ ޝިފާ އަކީ އާއިލީ ބޭފުޅަކަށް ވާތީ އެ މައްސަލައިން ތަނާޒުލް ވެވަޑައިގެންފައިވާ ކަމަށާ، ގޮތް ނިންމުން ޑެޕިއުޓީ ޕީޖީއާ ހަވާލު ކުރައްވައިފައި ވާ ކަމަށެވެ.

ޝިފާގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ފޮނުވާފައިވާ މައްސަަލަ އަކީ މާލޭ ލޮނުޒިޔާރަތް ކޮޅު ސަރަހައްދުގައި ޕާކު ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ އިމާރާތްތަކުގެ ތެރެއިން 02 ފާހާނާ ބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ ލިޔެކިޔުމެއް ނެތި ކަން އެސީސީން ކުރި ތަހުގީގަށް ފާހަގަ ކުރެވުމުންނެވެ.

އޭސީސީން ބުނެފައި ވަނީ، ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައި ނުވާކަން ފާހަގަ ކޮށްފައި ވާއިރު އަަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ޝިފާއަށް ކަމަށެވެ. އެ ހުއްދަ ދެއްވީ މޭޔަރު ޝިފާ ކަން އެ ކޮމިޝަންގެ ތަހުގީގުން އެނގިފައިވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބިވަޑައިގެންފައި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަހުގީގުން ފާހަގަ ވެފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.