މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ލިބޭ ގޮތަަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެެންބަރު އަބްދުލް މުގުނީ ހުށަހަޅުއްވާފައިވާ އިސްލާހު ދިރާސާކުރުމަށް ފަހު މަޖިލީސް ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި 52 މެންބަރުންގެ ވޯޓުން ފާސްކުރިއިރު ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ ތިން މެންބަރަކު ތިއްބެވިއެވެ.

މަޖިލީހުން ފާސްކުރީ ބިދޭސީންނަށް ރާއްޖޭގައި ހުރެވޭނެ ހުއްދައެއްގެ ގޮތުގައި ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭނީ، މަދުވެގެން 250،000 ރުފިޔާ އިންވެސްޓް ކުރުމާއެކު، ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 ޑޮލަރު ފަސް އަހަރުގެ މުއްދަކަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައިގެންނެވެ.

އިންވެސްޓް ކުރަންވާނީ، ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކަށް ކަމަށްވެސް ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުތަކުގައި ބުނެފަ އެވެ. އޭގެ އިތުރުން އެ ހާލަތްތައް ދެމިއޮތްނަމަ، އެފަރާތަކަށް ދޫކުރާ ކޯޕަރޭޓް ރެސިޑެންޓް ވިސާ ކޮންމެ ފަސް އަހަރަކުން އާ ކުރަން ޖެހޭނެ ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ފުރަތަމަ ހުށަހަޅާއިރު، ލިބޭނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އިސްލާހުތަކުގައި ބުނާގޮތުން، ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ، ރަޖިސްޓްރާ އޮފް ބިޒްނަސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސްފަރާތެއް، އަދި އެއިން ފަރާތެއްގެ އާއިލާ މެންމަބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީނަށް ދެވޭ ހުއްދައެކެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާގައިވާ ގޮތުން، ރެޖިސްޓްރާ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކުގެ ހިއްސާދާރުން، ޑިރެކްޓަރުން ނުވަތަ ޕާޓްނަރުންނާއި އެ މީހުންގެ އާއިލާތައް ރާއްޖޭގައި ދިގުމުއްދަތަކަށް ތިބެން ދޫކުރާ ހުއްދައެކެވެ. އެއީ ވަޒީފާ އަދާކުރާ ބައެއްގެ ގޮތުގައި ނޫން ގޮތަކަށް އެފަރާތްތައް ރާއްޖޭގައި ތިބުމަށް ދޭ ހުއްދައެއް ކަމަށް ވެސް ރިޕޯޓްގައި މާނަކޮށްފައިވެއެވެ.

މިހާރު އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސް ކުރާ ފަރާތްތަކަށެވެ.