މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲ މަރުވީ ގެނބިގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އޮންޓޯބަރު މަހުގެ 23 ވަނަ ދުވަހު ރަސްފަންނާ ވީ ދިމާލު ކަނޑު އަޑީގައި މަރުވެފައި އޮއްވާ ފެނުނު ސިދުރަތުﷲ މަރުވި ސަބަބު ދެނެގަތުމަށް އިންޑިއާއަށް ހަށިގަނޑު ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ޕްރެލިމިނަރީ ރިޕޯޓުގައި އޭނާ މަރުވި ސަބަބެއް ކަމުގައި ފާހަގަ ކޮށްފައި ވަނީ ގެނބިގެން ކަމަށެވެ.
އޭގެ އިތުރުން ސިދުރަތުﷲގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތް އިރު އެއްޗެއް ކައިފާ ވުމުގެ ސަބަބުން ލިބިފާ ހުރި ޒަހަމެއް ކަމަށް ބެލެވޭ ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތްތަކުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން މިހާތަނަށް ކުރެވުނު ބައެއް ތަހުލީލު ތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒޮޓިވް ވެފައިވާ ކަން އެނގިފައިވާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް އާ ގުޅިގެން ހަދާ އިތުރު ބައެއް ތަހުލީލުތައް ރާއްޖޭން ބޭރުން ކުރިއަށް ދާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
އެމައްސަލަ އާ ގުޅިގެން ފުލުހުން އިތުރަށް ބަލަން ޖެހޭ ކަންކަން އަދިވެސް ބަލާ، ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ހަދާފައިވަނީ ޓްރިވަންޑްރަމް ގައި ހުންނަ މެޑިކަލް ކޮލެޖު ހޮސްޕިޓަލުންނެވެ.
އުމުރުން 31 އަހަރުގެ ސިދުރަތުﷲ ގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ އެއީ ގުދުރަތީ މަރެއްކަން ކަށަވަރު ވެފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ.