ކޮވިޑް-19 އިންޓަގްރޭޓެޑް ރެސްޕޯންސް ސަޕޯޓްގެ ދަށުން ޔޫއެންޑީޕީ އިން ދިވެހިރާއްޖެއަށް ހަދިޔާ ކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ދިވެހި ސަރުކާރާ ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިތަކެތި ދިވެހި ސަރުކާރާ ހަވާލު ކޮށްދެއް ވީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް އަކީކޯ ފޫޖީއެވެ. އަދި މިތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދެވެ.

ޔޫއެންޑީޕީން ހަދިޔާކުރި ޕީޕީއީގެ ތެރޭގައި ހިމެނެނީ 1080 ހެޒެމްޓް ސޫޓް، 10،080 އެން-95 މާސްކް، 5000 ސަރޖިކަލް ގައުންސް، 6000 ސަރޖިކަލް މާސްކް، 400 ގޮގްލްސް، 6000 ހެޑް ކަވަރސް، 5000 ޝޫ ކަވަރސް އަދި 2000 ފޭސް ޝީލްޑާއި 10،000 އެގްޒަމިނޭޝަން ގްލަވްސް އެވެ. މިތަކެތި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުންނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު / ފޮޓޯ: ފޮރިން މިނިސްޓްރީ

ޕީޕީއީ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ޔޫއެންޑީޕީން ރާއްޖޭގެ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ގުދުރަތީ ގޮތުން ދިމާވާ ކާރިސާތަކާ ކޮވިޑް-19 ފަދަ ބަލިމަޑުކަމުގައި އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ޕީޕީއީގެ އިތުރުން ޓިއޯޗިއު އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެހީތެރިކަމާއެކު ހޯދާފައިވާ 1 މިލިއަން ނަން-ސަރޖިކަލް މާސްކްވެސް މިއަދުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މި މާސްކްތައް ބޭނުންކުރާނީ ޔޫއެންޑީޕީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ތައްޔާރުކުރި ރެޕިޑް ލައިވްލިހުޑްސް އެސެސްމެންޓްގައިވާ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ކަމަށެވެ. އެއީ އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި، ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގައި ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ ބޭނުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް އަކީކޯ ފޫޖީ / ފޮޓޯ: ފޮރިން މިނިސްޓްރީ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކީ ފޫޖީ ވަނީ ކޮވިޑް-19އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށާއި، އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ. އަދި ފަތުރުވެރިކަން އަލުން ހުޅުވާލެވިގެންދާއިރު، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޕީޕީއީތައް މުހިއްމު ދައުރެއް އަދާކުރާނެކަން ފާހަގަކުރެއްވިއެވެ.

ކޮވިޑް-19އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައާއި، ކޮވިޑް-19ގެ ސަބަބުން ލިބުނު އިގްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އދގެ ޓީމުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރުން ފާހަގަ ކުރެއެވެ. މިއަދުވެސް ފެނިގެން މިދިޔައީ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން ކުރެވޭ މަސައްކަތުގެ މިސާލެކެވެ.