ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރެން އުޅުނު މައްސަލާގައި އެ މީހުންނަށް އެހީވި ކަމަށް ތުހުމަތުކުރާ މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:40 ހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރުނު މީހުންނަށް އެހީތެރިވެ ދީ އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ.
އެ ތިން މީހުންނަކީ ކ. މާލެ / ގ. ރޮބިންސް، 20 އަހަރުގެ މުހައްމަދު މާހީން މަދީހާއި ސ. ފޭދޫ / ރަންކޮކާގެ، 21 އަހަރުގެ އަހްމަދު މާހިލް ސައީދާއި ރ. ރަސްމާދޫ / އޯކިޑްމާގެ، 30 އަހަރުގެ މުހައްމަދު އަޒުމީން އެވެ.
އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުުން ދާއިރު، އެ މައްސަލާގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރުވެސް ވަނީ ހާމަކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަަރުގެ ވ. ޕިންކްވިލާ، އަހުމަދު އަމީރާއި، އުމުރުން 23 އަހަރުގެ ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރާއި، އުމުރުން 22 އަހަރުގެ، ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު އަދި އުމުރުން 27 އަހަރުގެ، ލ. ގަން، ތުނޑި ކީމިޔާގެ، އަބްދުﷲ ރާޝިދެވެ.
ފުލުހުން ބުނީ އެހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށެވެ. އެހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ކަމަށެވެ.