ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފަތުރުވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީން ކުރުމަށާއި އައިސޮލޭޓް ކުރުމަށް ހުޅުމާލެއިން ވަކި ހާއްސަ ތަނެއް ކަނޑައެޅުމަށް ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ އަދި ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ މުވައްޒަފުން އައިސޮލޭޓްކޮށް ކަރަންޓީނުކުރަން ހަމަޖެހިފައި ވަނީ އެ އެ މިނިސްޓްރީން ކަނޑައަޅާ ތިން ގެސްޓުހައުސް ނުވަތަ ހޮޓަލުގައި ކަމަށެވެ.
އަދި ފަތުރުވެރިނާއި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ހާއްސަ ރިސޯޓެއް ކަނޑައަޅަން ވެސް އެ މިނިސްޓްރީން ނިންމައިފައިވެއެވެ.
ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ތަނެއްގައި ހުންނަން ޖެހޭ ޝަރުތުތަކަކީ:
- މަދުވެގެން 15 ކޮޓަރި ހުރުން
- ހުޅުމާލޭގައި ހުރި ތަނެއް ކަމުގައިވުން
- ތިން މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް އެ ތަންތަން ލިބުން
- އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް އެ ތަނަކުން ހަމަޖެހެން ހުރުން
- އެޗްޕީއޭގެ އެންމެހާ ގަވާއިދުތަކަށް ފެތޭ ފަދަ ތަނަކަށްވުން
ޝަރުތުތައް ފުރިހަމަވާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22ވާ އާދީއްތަ ދުވަހުގެ މެންދުރު 1:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، މި މަހުގެ 30ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޝައުގުވެރިކަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.