ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ކެމްޕޭނެއް ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައި ވަނީ މިއަދު ނައިބު ރައީސް ފައިސަލް ނަސީމް، ހެލްތް ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައެވެ. މިއީ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ފިޔަވަހިތަކަށް ބަހާލައިގެން މަނާކުރުމަށް އެކަށައަޅާފައިވާ ޕްލޭންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ސާފު ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ހެލްތު ކޮމިޓީގެ ފަރާތުން ވަނީ، މި ޕްލޭނުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަންއެއް ހުށަހަޅާފައެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމާއި، މިކަމާ ގުޅޭ ގާނޫނާއި ގަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ނައިބު ރައީސާއެކު ވަނީ މަޝްވަރާކުރައްވާފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ހެލްތް ކޮމިޓީއާ ބައްދަލު ކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބާރުއެޅުމާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ކެމްޕޭނެއް ހިންގުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ، މި ޕްލޭންގެ ދަށުން މި ވަގުތު ފެށެންހުރި މަސައްކަތްތައް ބައްލަވައި، އެ ކަންކަން ވީ އެންމެ އަވަހަކަށް ފެށުމަށް ހެލްތު ކޮމިޓީގެ މެންބަރުންނަށް އިރުޝާދު ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓާ އޮފް ހެލްތު އަހްމަދު ނަސީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.