ޒަރޫރީ ބޭނުމެއް ނެތަސް މާލެ ސަރަހައްދުން ރަށްރަށަށް ދެވޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލު ބަދަލު ކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ހުރިހާ ބޭނުމަކަށް ވެސް ރަށްރަށަށް ދެވޭނެ ކަމަށާއި ނަމަވެސް ކުރީގެ އުސޫލާ އެއްގޮތަށް ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ.
ރަށްރަށަށް ދާ މީހުން ކަރަންޓީން ވާން ޖެހުނު ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް އޮފީސްތަކާއި ކުންފުނިތަކުގެ ފަރާތުން ކުރު މުއްދަތަށް ރަަށްރަށަށް 5 ދުވަހަށް ދާ މީހުން ކަރަންޓީން ވާކަށް ނުޖެހެއެވެ.
10 މީހުންނަށް ވުރެ ގިނަ މީހުން ހޯމް ކަރަންޓީނަށް ރަށަކަށް ދާނަމަ، ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އުސޫލުގައި ވާގޮތުން ކޮވިޑް-19 ގެ ސްޕްރެޑް އޮތް ތަނަކުން ސްޕްރެޑް ނެތް ތަނަކަށް 10 މީހުންނަށް ވުރެ ގިނަ އަދަދެއްގެ މީހުން ދާނަމަ ނުވަތަ ރާއްޖޭން ބޭރުންވެސް ބިދޭސީ މަސައްކަތް ތެރިން ރަަށަކަށް ދާނަމަ، ދަތުރު ކުރުމުގެ 72 ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ.
އޭގެ އިތުރުން ހުން އައުން، ކެއްސުން ފަދަ ކޮވިޑް-19ގެ އަލާމާމްތައް ހުރި ފަރާތެއް ނަމަ، ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ކަމުގައިވިޔަސް، ދަތުރުނުކޮށް މަޑުކުރަން ޖެހޭނެ ކަމަށާއި ދަތުރު ކުރަންވާނީ އަލާމާތްތައް އެއްކޮށް ރަނގަޅު ވުމަށް ފަހު މަދުވެގެން 48 ގަޑިއިރު ވުމަށް ފަހުގައި ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ގިނަ މީހުން އެއްކޮށް ކަރަންޓީނުވެފައި ތިބުމުން އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާ އެހެންކަމުން ކަރަންޓީނުވެ ތިބޭއިރު ވީހާވެސް މަދު މީހުން އެއްތަނެއްގައި ތިބޭ ގޮތަށް އެކަމޮޑޭޝަން ހަމަޖައްސުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކަރަންޓީންވުމަށް ދިއުމުގެ ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވްވި ނަމަވެސް ރަށަށް ދިއުމަށްފަހު ކަރަންޓީން ވުމުގެ އުސޫލާއި އެއްގޮތަށް 14 ދުވަސް ހޭދަކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ހަދާ ޓެސްޓުން ގްރޫޕްގައި ހިމެނޭ އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ނަމަ އޭނާއާއެކު އުޅުނު އެންމެންގެ ކަރަންޓީނުގެ މުއްދަތު އިތުރުވާނެ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެއެވެ.