މުސްލިމުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކާއި، އަރަބި ދުނިޔޭގެ އެންމެ އިސް ލީޑަރުން، އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަންއަށް މަރުހަބާ ވިދާޅުވަމުން އެބަ ގެންދަވައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ސާފު އަގުލަބިއްޔަތުން ޖޯ ބައިޑަންއަށް ކުރި ލިބިވަޑައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހަށް އެމެރިކާގެ ރައީސް ކަމުގެ މަގާމު، ބައިޑަން ކަށަވަރު ކުރެއްވުމާއެކު ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއާ) އާއި ނޯ މުސްލިމް ބޭން އެވާގެ ނަމުގައި ހަރަކާތްތެރިވާ ކޯލިޝަނުން ވަނީ ބައިޑަންއަށް މަރުހަބާ ދަންނަވާފައެވެ.

މުސްލިމުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެމެރިކާގެ ޖަމިއްޔާތަކުން ބައިޑަންއަށް މަރުހަބާ ދަންނަވާފައި ވާ އިރު، އެ ޖަމިއްޔާތަކުން ވަނީ މުސްލިމުންނާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަވާނެ ކަމަށް ބައިޑަންގެ ކެމްޕޭންތަކުގައި ވެވަޑައިގެންނެވި ވަދުއުތައް ފުއްދަވާ ދެއްވުމަށް ގޮވާލާފައެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން / ފޮޓޯ: ސީއެންއެން

ބައިޑަން ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު، އެ ފިޔަވަޅުތަކަށް ނިމުން ގެންނަވާ، ސަރުކާރުގެ ހުރިހާ ފަންތިއެއްގައި މުސްލިމުން ތަމްސީލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިކަން ފާހަގަ ކުރައްވާ، ކެއާގެ އެގްޒެކެޓިވް ޑައިރެކްޓާ ނިހާދު އަވާދު ވިދާޅުވީ، މި ވައުދުފުޅު ފުއްދަވާތޯ ކަށަވަރު ކުރައްވާނެ ކަމަށާ، ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

މުސްލިމުންނާ ދެކޮޅަށް އެމެރިކާއިން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށީ، ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގެ ކުރީކޮޅު، 2018 ވަނަ އަހަރު ގެ ތެރޭގައެވެ.

މުސްލިމުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެމެރިކާގެ ޖަމިއްޔާތަކުގެ އިތުރުން، އަރަބި/ އިސްލާމީ ދުނިޔޭގެ ގިނަ ލީޑަރުންތަކެއް ވަނީ ބައިޑަންއަށް މަރުހަބާ ވިދާޅުވެ، އަރަބި ދުނިޔެއާއި އެމެރިކާ ސަރުކާރުގެ ގުޅުން ބަދަހި ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަން ހާމަ ކުރައްވާފައެވެ.

ބަޑަންއަށް މަރުހަބާ ވިދާޅުވި އަރަބި ލީޑަރުންގެ ތެރޭގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ވަލީއަހުދު މުޙައްމަދު ބިން ޒައިދު އަލް ނަހުޔާން، މިސްރުގެ ރައީސް ޢަބްދުލް ފައްތާހު އަލް-ސީސީ، އޮމާންގެ ސުލްތޯން ހައިސަމް ބިން ތޯރިގު އަލް-ސާއިދު، އުރުދުންގެ ޢަބްދުﷲ ރަސްގެފާނު، ލުބްނާންގެ ރައީސް މީކާއީލް އޫން އަދި އިރާގުގެ ރައީސް ބަރްހަމް ސާލިހު ހިމެނިވަޑައިގަންނަވައެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވެސް ވަނީ ބައިޑަންއަށް މަރުހަބާ ވިދާޅުވެފައެވެ. މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާއިން އަރައިގަތުމަށް، އެމެރިކާގެ 46 ވަނަ ރައީސް ކަމުގެ މަގާމު ދާދި ދެންމެ އަކު ކަށަވަރު ކުރެއްވި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއާއެކުގައި މަސައްކަތް ކުރެއްވުމުގެ އިންތިޒާރުގައި ހުންނެވި ކަމަށް ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކާރިސާއިން އަރައިގަތުމުގެ އިތުރުން، ދޭދޭ މަސްލަހަތު އެކުލެވޭ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅުން ހުރި ކަންކަމުގައިވެސް ބައިޑަންގެ ސަރުކާރާއެކު މަސައްކަތް ކުރުމަށް ދިވެހިރާއްޖެ ތައްޔާރަށް އޮތް ކަން ހާމަ ކުރައްވާފައެވެ.