ބ.މުތާފުއްޓަށް ދަތުރުދިޔަ ބަޔަކު ހާލުގައި ޖެހިގެން އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މުތާފުއްޓަށް ދަތުރުދިޔަ ބަޔަކު، މޫސުން ގޯސްވެ އެނބުރި ރަށަށް ދަތުރު ނުކުރެވިގެން އެމްއެންޑީއެފްގެ އެހީ އަށް އެދިފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ، ކޯސްޓްގާޑްގެ ސްކޮޑްރަން އިން މިހާރު އެ ފަރާތްތަކަށް އެހީވާން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި މިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 2:15 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ދަތުރުދިޔަ ޓީމުގައި 11 މީހުން ތިބިއިރު، އޭގެތެރޭގައި ހަ ކުޑަކުދިންނާއި 5 އަންހެނުން ހިމެނެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ ހއ އަތޮޅުން ޅ އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ، ހަވީރު 4:00 އިން ފެށިގެން މިރޭ 9:00 އާ ދެމެދު މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެން ވާކަމަށެވެ.
މީގެ އިތުރުން މޫސުމާ ބެހޭ އިދާރާއިން މިއަދުގެ މޫސުން ލަފާކޮށް ބުނެފައިވަނީ، އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށައި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.