ފިޗުން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭންކިން "ސީސީސީ" އަކަށް ދަށްކުރުމާ ގުޅިގެން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ދެއްކެވި ވާހަކައަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.

ފިޗު ރޭޓިން ދައްކުރުމާއި ގުޅިގެން ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަކީ މަޖިލީހުން ފާސްކުރި ގަރާރުގެ ނަތީޖާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ގަރާރު ފާސްކުރި ދުވަހު ވެސް އެކަން އެގޮތަށް ކުރަން ހެޔޮ ނުވާނެ ކަމަށް ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ. ޝަރީފް އިޝާރާތް ކުރައްވާފައިވާ ގަރާރަކީ ދައުލަތުގެ ދަރަންޏާއި ގުޅޭ ގޮތުން މަޖިލީހުން ދާދިފަހުން ފާސްކުރި ގަރާރު ކަމަށް ބެލެވެއެވެ.

ޝަރީފަށް ރައްދު ދެއްވަމުން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗުން ގައުމުތައް ރޭޓު ކުރަނީ ސިޔާސީ މީހުން ދައްކާ ވާހަކަތަކުން ނޫން ކަމަށެވެ. އަދި އެއީ އެ ގައުމެއްގެ ހިސާބު ބަލާފައި ކުރާ ކަމެއް ކަމަށެވެ.

އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޝަރީފުގެ ޓްވީޓަށް ކޮމެންޓް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ނުރަސްމީ އެކައުންޓުން ޓްވީޓް ކުރައްވާ ވިދާޅުވީ، ފިޗުގެ ރޭޓިން ބަދަލު ކުރި ސަބަބު ބުނެދީިފައިވާ ކަމަށެވެ. އަދި "ސީސީސީ" ރޭޓިންއަކުން ވެސް ސަލާމަތްވީ މަޖިލީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސުން ކުރި މަސައްކަތުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީޑު މިހެން ވިދާޅުވެފައިވާއިރު، މިއަދު ހެނދުނު އެމަނިކުފާނުގެ ރަސްމީ އެކައުންޓުން ވެސް ވަނީ ފިޗްގެ ރޭޓިންސްއާ ބެހޭގޮތުން ޓްވީޓް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް ބުނި ވާހަކަވެސް އަހަންވާނެ ކަމަށެވެ. އަދި ބޭރުގެ ދަރަނި ރީސްޓްރަކްޗާ ކުރެވިއްޖެ ނަމަ ދަރަނިވެރި ނުވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ހާއްސަކޮށް ޗައިނާގެ ކޮމާޝަލް އިންސްޓިޓިއުޝަން ތަކަށް ދައްކަން ޖެހޭ ލޯނުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމް ސިނާއަތު ކުރިއަރަން ފަށާފައި ވާއިރު އުއްމީދު އެބައޮތް ކަމަށެވެ.

ފިޗުން ރާއްޖެއަށް ދީފައިވާ ބީ މައިނަސް ކްރެޑިޓް ރޭންކިން "ސީސީސީ" އަކަށް ދައްކުރުމުން އެކަން ގަބޫލު ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއްޔެ ބުނެފައެވެ. ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން އިދާރާއިން ބުނީ ރާއްޖޭގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް އިގްތިސޯދީ ހާލަތު މިހާރު ދަށްވެގެނެ ގޮސްފައިވާ ކަމަށެވެ. އެ އިދާރާއިން ލަފާ ކޮށްފައިވާ ގޮތުން 2021 ވަނަ އަހަރު 16 ޕަސެންޓު އަދި 2022 ވަނަ އަހަރު 20 ޕަސެންޓުގެ ކުރިއެރުމެއް ރާއްޖޭގެ ޓޫރިޒަމަށް އައި ނަމަވެސް މިއީ ލަފާކުރި ވަރަށް ވުރެ ލަސް ކުރިއެރުމެއް ކަމަށެވެ.

ފިޗުން ލަފާކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާއިރު، ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 ޕަސެންޓަށް އަރާނެއެވެ.

ފިޗުގެ ވާހަކަތަކަށް ރައްދުދީ ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ދަރަނި ދުވަހަކުވެސް ޑީފޯލްޓު ވެފައި ނުވާނެ ކަމަށާއި އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ. އަދި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ވަގުތުން ދައްކަމުން ދާ ކަމަށާއި އެކަން ޔަގީންކުރާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ފަރުތުވެރިކަން ކުރިއަރަމުން ދާ ކަމަށާއި ފަތުރުވެރިކަން ރަނގަޅުވެ ބޭރު ފައިސާ ލިބުމުގެ ދައްޗަށް ލުއި އަންނާނެެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. ހަމަ އެއާއެކު ކޮވިޑުގެ ހާލަތު ފުރަތަމަ ކުރިމަތިވި އިރު އިގްތިސޯދީ ގޮތުން ވާނެ ގޮތަކާމެދު ސުވާލު އުފެދުނު ނަމަވެސް ރާއްޖޭގެ ހާލަތަށް އަންނަމުން ދާ ބަދަލުތައް ސަރުކާރުން އާންމު ކުރަމުން ދާ ކަމަށް ވެސް ފިނޭންސުގެ ބަޔާނުގައި ވެއެވެ.