ފިޗް ފަދަ ބައިނަލްއަގުވާމީ އިންޑިކޭޓަރުންގެ ވާހަކަތައް އަހާ، އެ ގަބޫލު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް ބުނި ވާހަކަވެސް އަހަންވާނެ ކަމަށެވެ. އަދި ބޭރުގެ ދަރަނި ރީސްޓްރަކްޗާ ކުރެވިއްޖެ ނަމަ ދަރަނިވެރި ނުވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ހާއްސަކޮށް ޗައިނާގެ ކޮމާޝަލް އިންސްޓިޓިއުޝަން ތަކަށް ދައްކަން ޖެހޭ ލޯނުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމް ސިނާއަތު ކުރިއަރަން ފަށާފައި ވާއިރު އުއްމީދު އެބައޮތް ކަމަށެވެ.
ފިޗުން ރާއްޖެއަށް ދީފައިވާ ބީ މައިނަސް ކްރެޑިޓް ރޭންކިން "ސީސީސީ" އަކަށް ދައްކުރުމުން އެކަން ގަބޫލު ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއްޔެ ބުނެފައެވެ. ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެގޮތުން އިދާރާއިން ބުނީ ރާއްޖޭގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް އިގްތިސޯދީ ހާލަތު މިހާރު ދަށްވެގެނެ ގޮސްފައިވާ ކަމަށެވެ. އެ އިދާރާއިން ލަފާ ކޮށްފައިވާ ގޮތުން 2021 ވަނަ އަހަރު 16 ޕަސެންޓު އަދި 2022 ވަނަ އަހަރު 20 ޕަސެންޓުގެ ކުރިއެރުމެއް ރާއްޖޭގެ ޓޫރިޒަމަށް އައި ނަމަވެސް މިއީ ލަފާކުރި ވަރަށް ވުރެ ލަސް ކުރިއެރުމެއް ކަމަށެވެ.
ފިޗުން ލަފާކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާއިރު، ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 ޕަސެންޓަށް އަރާނެއެވެ.
ފިޗުގެ ވާހަކަތަކަށް ރައްދުދީ ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ދަރަނި ދުވަހަކުވެސް ޑީފޯލްޓު ވެފައި ނުވާނެ ކަމަށާއި އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ. އަދި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ވަގުތުން ދައްކަމުން ދާ ކަމަށާއި އެކަން ޔަގީންކުރާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ފަރުތުވެރިކަން ކުރިއަރަމުން ދާ ކަމަށާއި ފަތުރުވެރިކަން ރަނގަޅުވެ ބޭރު ފައިސާ ލިބުމުގެ ދައްޗަށް ލުއި އަންނާނެެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. ހަމަ އެއާއެކު ކޮވިޑުގެ ހާލަތު ފުރަތަމަ ކުރިމަތިވި އިރު އިގްތިސޯދީ ގޮތުން ވާނެ ގޮތަކާމެދު ސުވާލު އުފެދުނު ނަމަވެސް ރާއްޖޭގެ ހާލަތަށް އަންނަމުން ދާ ބަދަލުތައް ސަރުކާރުން އާންމު ކުރަމުން ދާ ކަމަށް ވެސް ފިނޭންސުގެ ބަޔާނުގައި ވެއެވެ.