2020 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އައިއިރު، 4 ލައްކަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި 4 ލައްކަ ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެ އައި 382760 ފަތުރުވެރިންނާއި، އޭޕްރީލްމަހުން ޖުލައި މަހު 14 އާ ހަމައަށް ބޯޑަރު ބަންދުކޮށްފައި އޮތް މުއްދަތުގައު އައި 87 ފަތުރުވެރިންގެ އިތުރުން ޖުލައި 15 އިން ނޮވެމްބަރު 4ކާ ހަމައަށް އައި 44،365 ފަތުރުވެރިންނެވެ. އެއީ އެވްރެޖްކޮށް ބަލާނަމަ، ދުވާލަކަށް 2054 ފަތުރުވެރިންނެވެ.

ޖުލައި 15ގައި ބޯޑަރު ހުޅުވުމާއެކު އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރަޝިއާގެ 9519 މީހުން ރާއްޖެ ޒިޔާރަތްކޮށްފައި ވާއިރު، އިނގިރޭސިވިލާތުގެ 3817 މީހުންނާއި ޔޫއޭއީގެ 3683 މީހުން އަދި ޔޫއެސްއޭގެ 3484 މީހުން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ހަމައެއާއެކު އިންޑިއާގެ 2345 މީހުންނާއި ޖަރުމަނުގެ 2099 މީހުން ވެސް ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނައިން ދަތުރުކޮށްފައި ވަނީ ގަތަރް އެއާވޭސްގެ ފްލައިޓެވެ. އެގޮތުން ގަތަރު އެއާލައިނުގެ 218 ފްލައިޓެއްގައި 15690 ފަތުރުވެރިން އައިސްފައިވާއިރު، އެމިރޭޓްގެ 194 ފްލައިޓެއްގައި 16276 ފަތުރުވެރިއަކު ރާއްޖެ އައެވެ. އަދި މޯލްޑިވިއަނުގެ 186 ފްލައިެއްގައި 2448 މީހުން އައިސްފައިވާއިރު، ސްރީލަންކަން އެއާލައިނުގެ 142 ފްލައިޓެއްގައި 2103 މީހުން އަދި ތުރުކީ އެއާލައިނުގެ 122 ފްލައިޓެއްގައި 3382 މީހުން ރާއްޖެ ޒިޔާރަތް ކުރިއެވެ.

ކޮވިޑް-19ގެ ހާލަތަށް ބަލާލާއިރު، ބޯޑަރު ހުޅުވިފަހުން ރާއްޖެ ޒިޔާރަތްކުރި 43609 ފަތުރުވެރިންގެ ތެރެއިން 122 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 75 މީހަކު ބަލިން ރަނގަޅުވިއިރު، 47 މީހުން އަދިވެސް ތިބީ ބަލިކޮށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށްމިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 120 ރިސޯޓާޢި 65 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 121 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. އެއީ 32622 އެނދެވެ. މީގެ އިތުރަށް އަންނަ ޑިސެމްބަރުމަހުގެ ނިޔަލަށް 1782 އޮޕަރޭޓްކުރަން ފަށާން ނިންމާފައިވާއިރު އެއީ ގެސްޓްހައުސަކާއި، 9 ރިސޯޓެވެ.

މިހާރު އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގަިއ ބޭނުން ކުރަމުން ދަނީ އެރިޔަދޫ ރިސޯޓް، ފަން އައިލެންޑް ރިސޯޓް، ވެލިދޫ އައިސޮލޭޝަން ފެސިލިޓީގެ އިތުރުން ސެންޓްރަލް އައިސޮލޭޝަން ފެސިލިޓީއެވެ.