ކޮވިޑް ބަލިމަޑުކަން ފެތުރި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކުން ބަލި ނެތް ރަށަކަށް ދާއިރު ކަރަންޓީން ވާން ނުޖެހޭ ގޮތަށް ނިންމުމެއް ނިންމާފައި ނުވާކަމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒްލާ މިހެން ވިދާޅުވީ، މިމަހުގެ މެދުތެރޭ ރަށަށް ގޮސް ފުރިހަމަ ކުރަންޖެހޭ 14 ދުވަހުގެ ކަރަންޓީން އުވާލުމަށް މަޝްވަރާ ކުރަމުން ދާކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ.

ރަށަށް ގޮސް ހަމަކުރަންޖެހޭ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު އުވާލުމަށް ނިންމާނީ ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މިންވަރާއި އެއް ކޭސް އަނެއް ކޭސްއާއި ގުޅުން ނެތް ކޭސްތައް ފެންނަމުން އަންނަ ނިސްބަތަށް ބެލުމަށްފަހު އެއީ ރައްކާތެރި ގޮތެއް ކަމަށް ފެންނަ ކަމުގައި ވާކަނަމަ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ދެނެގަތުމަށް ހަދަން ފަށާފައިވާ ސީރޯ ޕްރިވެލަންސް ސާވޭއަކީ މުހިންމު ދައުރެއް އަދާކުރާނެ ސާވޭއެއް ކަމަށާއި މި ސާވޭއަށް އާންމުން އެއްބާރުލުނަ ދިނުމަށް ނަޒްލާ ގޮވާލެއްވިއެވެ. އެގޮތުން މިހާރު އެ ސާވޭއަށް ސާމްޕަލް ނެގުމުގައި ސްކޫލަތަކުން ކިޔަވާ ކުދިންގެ ސާމްޕަލްތައް ވަނީ ނަގާފައި ކަމަށާއި މިހާރު ކުރިއަށް ދަނީ ބޮޑެތި މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން އެ ސާވޭއިން އެދެވޭ ނަތީޖާއެއް ނެރުމަށް ވަކި އަދަދަކަށް ސާމްޕަލް ނަގަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ އާންމުންގެ އެއްބާރުލުން ލިބިގެން ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން ސާމްޕަލް ނެގުމަށް ރެންޑަމްކޮށް ނެގިފައިވާ މީހުން އަންގާފައި އޮންނަ ގަޑިއަށް ސާމްޕަލް ނަގާ މަރުކަޒަކަށް ދިއުމަށް ޑރ.ނަޒްލާ އެދިވަޑައިގަތެވެ.