ކޮވިޑް އާ ގުޅިގެން މިއަހަރު ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ނިންމި ނިންމުމާއެކު 300 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 21.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރުން ހަރަދުކޮށްފައި ވަނީ 22 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރުގެ މި މުއްދަތާއި މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ހަރަދު ކުޑަކުރުމަށް ކުރި މަސައްކަތުގައި ސަރުކާރުން ވަނީ 300 މިލިއަން ރުފިޔާ ސަލާމަތް ކޮށްފައެވެ. އެއީ 1.36 ޕަސެންޓްގެ ދަށްވުމެކެވެ.
ހަމައެއާއެކު ސަރުކާރުން ރިކަރަންޓް އެކްސްޕެންޑިޗާގެ ގޮތުގައި މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 15.1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާއިރު، މިއަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައި ވަނީ 16.5 ބިލިއަން ރުފިޔާ ކަމަށް ފިނޭންސުން އާންމު ކުރި ތަފާސް ހިސާބުން ދައްކައެވެ.
އެ ހަރަދުގެ ތަފްސީލުތަކުން ދައްކާ ގޮތުގައި މުސާރަ އާއި އިނާޔަތްތައް ދިނުމަށް 8.1 ބިލިއަން ރުފިޔާ އަދި މުވައްޒަފުންގެ އެލަވަންސަށް 3.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ. ޕެންޝަނަށް 919.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، ރިޓަޔަމަންޓް ބެނެފިޓްގެ ގޮތުގައި 379.6 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސްގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.
މީގެ އިތުރުން، ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި މި އަހަރުގެ އޮކްޓޫބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 6.7 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ އިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ހޭދަ ކޮށްފައި ވަނީ 5.5 ބިލިއަން ރުފިޔާ ކަމަށް ފިނޭންސުން އާންމު ކުރި ތަފާސް ހިސާބުން ދައްކައެވެ.
އިންޓަރެސްޓާއި ނުލާ ދައުލަތުގެ ބަޖެޓުން 9.596 ބިލިއަން ޑެފިސިޓްވެފައިވާ އިރު، ޖުމްލަ 10.329 ބިލިއަން ރުފިޔާ މިހާތަނަށް ދައުލަތުގެ ބަޖެޓުން ވަނީ ޑެފިސިޓްވެފައިވެއެވެ