ދާދި ފަހުން ކަނޑިންމަ ރިސޮތުގައި މަސައްކަތް ކުރާ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ދ. މާއެނބޫދޫގައި ކޮވިޑަށް ޓެސްޓު ކުރުމަށް ރެންޑަމް ސާމްޕަލްތަކެއް ނަގައިފިއެވެ.

ދ. މާއެނބޫދޫ ސިއްހީ މަރުކަޒުން ބުނި ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ އެރަށުން ރެންޑަމް ސާމްޕަލް ތަކެއް ނަގާފައެވެ. އެ ގޮތުން އެރަށުން ޖުމްލަ 25 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ މި ގޮތަށް ރެންޑަމް ސާމްޕަލް ތަކެއް ނަގަން ޖެހިފައި ވަނީ ގިނަ އަދަދެއްގެ ކޭސްތަކެއް ކަނޑިންމަ ރިސޯޓުން ފެނިފައިވާތީ އާއި ކަނޑިންމަ ރިސޯޓުން ބަޔަކު އެރަށަށް އަރާފައިވާ ކަމަށް އަޑުތައް ފެތުރިފައިވާތީ ކަމަށެވެ.

ދ. މާއެނބޫދޫން ކޮވިޑަށް ޓެސްޓު ކުރުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން

ދާދި ފަހުން ކޮވިޑް ބަލީގައި ނިޔާވި އުމުރުން 60 އަހަރުގެ އާދަމް ނަސީރަކީ ދ. މާއެނބުދޫއަށް އުފަން މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ އާއިލީ ގުޅުން ހުރި ބައެއް މީހުންގެ ސާމްޕަލްވެސް މިއަދު ވަނީ ނަގާފައެވެ.

އާދަމް ނަސީރު ނިޔާވެފައި ވަނީ މި ދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ ނިޔާވުމާއެކު ގިނަ ބަޔަކު އަންނަނީ ކަނޑިންމަ ރިސޯޓުން އޭނާއާ މެދު ފަރުވާ ދިނުމުގައި އަމަަލުކޮށްފައިވާ ގޮތާ މެދު ސުވާލު އުފައްދަމުންނެވެ. މިކަމާ ގުޅިގެން އާއިލާގެ ފަރާތުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އޭނާ ރިސޯޓުގައި ހުރި އިރު ކޮވިޑްގެ އަލާމަތް ހުރެ ބަލިވެގެން ފަރުވާ ނުދީ ބަހައްޓާފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި އޭނާ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާ ލާން އުނދަގޫވެގެން ކަމަށާއި އެ ހޮސްޕިޓަލަށް ގެންގޮސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ފަރުވާ ދެމުންދަނިކޮށް އޢނާ ނިޔާވި ކަމަށްވެސް އާއިލާއިން ބުނެފައި ވެއެވެ.

މި ކޭސް ފެންމަތިވުމާއެކު ކަނޑިންމަ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް އެރިސޯޓުން އާދަމް ނަސީރާ ކޮންޓެކްޓްވީ މީހުންގެ ސާމްޕަލް ނަގާފައެވެ.

މީހާރުވެސް ރާއްޖޭގެ 18 ރަށެއްގައި ކޮވިޑް އެކްޓިވްކޭސް ތިބި އިރު 30 ރިސޯޓެއްގައި އެކްޓިވް ކޭސް އެބަ ތިއްބެވެ. މާލެ ފިޔަވާ މީހުން ދިރިއުޅޭ އެހެނިހެން ރަށްރަށުގައި މިވަގުތު ޖުމްލަ 15 އެކްޓިވް ކޭސް ތިބި އިރު ރިސޯޓުތަކުގައި 46 ގެސްޓުންނާއި 127 މުވައްޒަފުން އެކްޓިވް ކޭސްގެ ގޮތުގައި އެބަ ތިއްބެވެ.