އައިޖީއެމްއެޗްއާ ދިމާލުން މޫދުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲ އަހުމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސް އޭނާގެ ކަށުކަމާކެމީގެ ކަންކަން ކުރަން ފަށައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިދުރަތުﷲ ގެ ހަށިގަނޑު މިހާރު ވަނީ މާލެއަށް ގެނެސްފައެވެ. ސިދުރަތުﷲގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. އަދި އޭނާގެ ހަށިގަނޑު މާލެއަސް ގެނެސްފައިވާކަން ފުލުހުންވެސް ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާގެ ޕޯސްޓް މޯޓަމްގެ ރިޕޯޓުގެ ނަތީޖާ ފުލުހުން ހާމައެއް ނުކުރެއެވެ.
މިރޭ އޭނާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ އިރު މީހާރު ސިދުރަތުﷲ ގެ ހަށިގަނޑު ވަނީ އާ ސަހަރާގައި ކަފުންކޮށް ވަޅުލާން ތައްޔާރުކޮށްފައެވެ. އާސަހާރަގައި މިވަގުތު އޭނާގެ އާއިލާއައި ރަހްމަތްތެރިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ސިދުރަތުﷲ ގެ މޫނު ވަނީ ކަފައަޅާ ނިވާކޮށްފައި ކަމަށް އާއިލާގެ ފަރާތުން ބުނެއެވެ. އޭނާގެ މޫނު ނުދައްކާ ގޮތަށް އޮތް ނަމަވެސް އާއިލާގެ ފަރާތުން އެދޭ ނަމަ މޫނު ދައްކާނެ ކަމަށް މައުލޫމާތު ދިން މިހާ ބުނެއެވެ.
ޖަނާޒާގެ ކަންކަން ކުރިއަށް ނުގެންދެވި ހަށިގަނޑު ވަޅުނުލާ ގިނަ ދުވަސް ވަމުންދާތީ އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ވަނީ ސިތީއެއްވެސް ފޮނުވާފައެވެ. ނަމަވެސް އޭނާގެ މަރުގެ ހަގީގަތް ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަކީ ތަހްގީގަށް ވަރަށް މުހިންމު ކަމަކަށްވާތީ ޕޯސްޓް މޯޓަމް ހަދަން ގާނޫނު އަސާސީން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ބޭނުންކޮށް މި މަހުގެ 2 ވަނަ ދުވަހު ޭނާގެ ހަށިގަނޑު ވަނީ އިންޑިއާގެ ޓްރިވަންޑްރަމް ގައި ހުންނަ މެޑިކަލް ކޮލެޖު ހޮސްޕިޓަލަށް ފޮނުވާލާފައެވެ.
އުމުރުން 31 އަހަރުގެ ސިދުރަތުﷲ މަރުވެފައި އޮއްވާ ފެނިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އައިޖީއެމްއެޗާ ދިމާ މޫދުންނެވެ. މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި ޒަހަމް ހުރި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ.