ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން އިއްޔެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދެއްކެވި ވާހަކަ ސާފުކޮށް ދެމުން މަރުގެ އަދަބު އުވާލުމަށް 20 ގައުމަކު ގޮވާލިއަސް އެކަން ރާއްޖެއިން ބަލައި ނުގަންނާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިހެން ބުނީ، ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި އިއްޔެ ބޭއްވުނު ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ދެއްވި އޯޕަނިން ސްޓޭޓްމަންޓްގައި ވަނީ މަރުގެ އަދަބު އުވާލަން ރާއްޖެއަށް އެކި ފަރާތްތަކުން ގޮވާލައި ގޮވާލުންތައް ފާހަގަ ކުރައްވާ ކަމަށާ ނަމަވެސް ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެއިން ދަމަހައްޓާނެ ކަމަށް ވެސް ރިއްފަތު ވިދާޅުވެފައި ވެއެވެ.

ރިއްފަތު ދެއްކެވި ވާހަކަތައް ސާފުކޮށްދިނުމުގެ ގޮތުން މިއަދު އެޓާނީ ޖެނެރަލުން ނެރުނު ނޫށްބަޔާނުގައި ބުނީ، އިއްޔެ ކުރިއަށް ދިޔަ ޔޫޕީއާރުގެ ރާއްޖޭގެ ސެޝަންގައި ވެސް މަރުގެ އަދަބު އުވާލުމަށް ގާތްގަނޑަކަށް 20 ގައުމަކުން ގޮވާލާފައިވާ ކަމަށާއި އެ ހުށަހެޅުންތަކާ މެދު ރާއްޖެއިން ޕޮޒިޝަނެއް ނަގަންޖެހެނީ މި އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުގެ ކުރިން ކަމަށެވެ. ނަމަވެސް ސެޝަން ފެށުމުގެ ކުރިންވެސް މި ސަރުކާރުން އިއުލާންކޮށްފައިވާ ފަދައިން މި ސެޝަންގައި ރާއްޖެއަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ހުށަހެޅުމެއް ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެއެވެ.

ޔޫޕީއާރްއަކީ ރިވިއުގެ ކޮންމެ ސައިކަލެއްގައި އެ ގައުމަކަށް ލިބޭ ރިކޮމެންޑޭޝަންތައް އެ ގައުމަކުން ތަންފީޒުކޮށްފައިވާ މިންވަރު ޖެހިގެން އަންނަ ސައިކަލްގައި ބައިނަލްއަގްވާމީ މުޖުތަމައަށް ތަފްސީލުކޮށްދޭންޖެހޭ ގޮތަށް ބައްޓަންކުރެވިގެން ކުރިއަށްގެންދާ ޕްރޮސެސްއެއް ކަމަށް އޭޖީން ބުނެއެވެ. އެގޮތުން ޔޫޕީއާރުގެ މިހާރު މި ކުރިއަށްދާ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖެއިން ހުށަހަޅަން ޖެހެނީ 2015 ވަނަ އަހަރު ކުރިއަށްދިޔަ ޔޫޕީއާރުގެ ދެވަނަ ސައިކަލްގައި ރާއްޖެއަށް ލިބުނު ހުށަހެޅުންތައް ތަންފީޒުކުރެވިފައިވާ މިންވަރާއި އޭގެ ފަހުން ލިބިފައިވާ ކުރިއެރުންތައް ކަމަށް އޭޖީން ބުނެއެވެ.

ޔޫޕީއާރުގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލައި، ރާއްޖޭގެ ގާނޫނުތަކުން މަރުގެ އަދަބު އުވާލުމަށް 26 ގައުމަކުން ހުށަހެޅުންތައް ލިބިފައިވާ ކަމަށް އޭޖީން ބުނެއެވެ. އަދި އިއްޔެ ބޭއްވުނު ރިވިއު ސެޝަންގެ ކުރިން ގައުމުތަކުން ރާއްޖެއަށް ފޮނުވާފައިވާ އެޑްވާންސް ސުވާލުތަކުގައި ވެސް ދިވެހިރާއްޖޭގެ ގާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ގައުމުތަކަކުން ސުވާލުތަކެއް ކޮށްފައިވާކަމަށް އޭޖީން ބުނެއެވެ. އެހެންކަމުން އިއްޔެގެ ސެޝަންގައި ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލުމަށާއި ދިވެހިރާއްޖޭގެ ގާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ގިނަ ހުށަހެޅުންތަކެއް ދިވެހިރާއްޖެއަށް ލިބޭނެކަމަށް ލަފާ ކުރެވުނު ކަމަށް އެޖީން ބުނެއެވެ.

ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބިފައިވާ ހުށަހެޅުންތަކާއި އިއްޔެގެ ރިވިއު ސެޝަންގެ ކުރިން ލިބިފައިވާ ސުވާލުތަކަށް ބަލައި، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުމާއި ދިވެހިރާއްޖޭގެ ގަނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސިޔާސަތު މި ސެޝަންގައި ބަޔާންކުރުމަކީ ކޮންމެހެން މުހިންމު ކަމަކަށް ވެގެން ދިއުމުން އޯޕަނިން ސްޓޭޓްމަންޓްގައި ބަޔާންކޮށްފައި އެވަނީ އެހެން ގައުމުތަކުގެ ހުށަހެޅުންތައް ރާއްޖެއަށް ލިބުމުގެ ކުރިން މިކަމުގައި ދިވެހިރާއްޖޭގެ ސިޔާސަތު ބައިނަލްއަގްވާމީ މުޖުތަމައަށް ސާފުކޮށް ހާމަކޮށްދިނުމުގެ ގޮތުން ކަމަށް އޭޖީން ބުނެއެވެ.

ރާއްޖޭގެ ގާނޫނުތަކުގައި މަރުގެ އަދަބު ދެވޭގޮތަށް އޮންނަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި ރާއްޖޭގެ ގާނޫނުއަސާސީގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް އެކުލަވައިނުލެވޭނެކަ މަށް ބަޔާންކޮށްފައިވާތީ ކަމަސް އޭޖީން ބުނެއެވެ. އެހެންކަމުން އިއްޔެ ރިއްފަތު ދެއްކެވި ވާހަކައަކީ މަރުގެ އަދަބު ހުއްޓާލުމަކީ މުސްތަހީލު ކަމެއްކަން ބައިނަލްއަގްވާމީ މުޖުތަމައަށް ސާފްކޮށްދެއްވުމަށް ދެއްކެވި ވާހަކައެއް ކަމަށް އޭޖީން ބުނެއެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ފެށުމުގެ ކުރިން ރާއްޖެއިން ފުރަތަމަ އިސްކަންދޭނީ ވަކިފަރާތަކަށް ނުޖެހޭ މިނިވަން އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ އަދުލު އިންސާފުގެ ނިޒާމެއް ގާއިމްކުރުން ކަމަށް އޭޖީން ބުނެއެވެ. މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަގްވާމީ މައިދާނުގައި މީގެ ކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތެއް ކަމަށް އޭޖީން ބުނެއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ކުރިއަށްދިޔަ އ.ދ. ގެ 73 ވަނަ އާންމު މަޖިލީހުގައި މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުމާގުޅޭ އ.ދ.ގެ ގަރާރާ ދެކޮޅަށް ވޯޓު ދިނުމަށްފަހު މި ސިޔާސަތު ހާމަކޮށްފައިވާ ކަމަށް އޭޖީން ބުނެއެވެ. މީގެ އިތުރުން ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް ކްރުއަލް އިން ހިއުމަން އޯ ޑީގްރޭޑިން ޓްރީޓްމަންޓް އޯޕަނިޝްމަންޓްގެ ދަށުން މިދިޔަ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ރާއްޖެއިން ހުށަހެޅި ފޮލޯ-އަޕް ރިޕޯޓުގައިވެސް ރާއްޖޭގެ ސިޔާސަތު ހާމަކޮށްފައިވާކަމަށް އޭޖީން ބުނެއެވެ.