ހުސްވި މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 1 މަހަށް ދަންމާލައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި މީ 9 ވަނަ ފަހަރެވެ. މި ހާލަތު ދަންމާލާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުަވހުގެ ނިޔަލަށެވެ.

ކޮވިޑް-19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާން ކޮށްފައި ވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. އެންމެ ފަހުން އެ މުއްދަތު އިތުރުކުރީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހެލްތު މިނިސްޓްރީން ނެރުނު ގަރާރުގައި ވަނީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާ އެކަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށެވެ. އެ ގަރާރުގައި ސޮއި ކުރައްވައިފައި ވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރު ކުރީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށް އެ ގަރާރުގައި ބުނެއެވެ. އަދި އެ ނުރައްކާ ކުޑަކޮށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ވެސް ވެއެވެ.