ކަނޑިންމައިން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފަކު ނިޔާވުމުގައި އެ ރިސޯޓުގެ އިހުމާލުވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

އެޗްއާރްސީއެމުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ކަނޑިންމަ ރިސޯޓުން މުވައްޒަފަކު ނިޔާވި މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އަދި އެއީ އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބަލަމުންދާ މައްސަލައެއް ކަމަށް ވެސް އެޗްއާރްސީއެމުން ބުނެއެވެ.

ކަނޑިންމަ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފަކު ނިޔާވެފައި ވަނީ މިދިޔަ މަހު 30 ވަނަ ދުވަހެވެ. އުމުރުން 60 އަހަރުގެ އާދަމް ނަސީރު ނަމަކަށް ކިޔާ އެ މީހާ ނިޔާވެފައި ވަނީ ދ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އެއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 38 ވަނަ މީހާއެވެ.

އޭނާގެ ކޮވިޑް ޓެސްޓު ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުގައި ތިބި މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ވަނީ އެރެއިން ފެށިގެން ފަށާފައެވެ. އަދި އެ ރަށުގެ ހާލަތު ދެނެގަނެ ނިމެންދެން މިހާރު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ.

އެގޮތުން މިހާތަނަށް އައިއިރު، އެ ރިސޯޓުން ވަނީ 46 މީހަކު ޕޮޒިޓިވްވެފައެވެ.