ފުލުހުން ތަހުގީގު ކުރާ ޖިނާއީ ބޮޑެތި މައްސަލަތަކާ، މުޖުތަމައުގެ އާންމު މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކަށް 24 ގަޑިއިރު ތެރޭ ޕްރޮސެކިއުޓަރުން އައްޔަން ކުރުމަށް ނިންމާ، އެކަމާ ގުޅޭ އުސޫލެއް ކަނޑައަޅައިފިއެވެ.

ޕީޖީ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފުލުހުން ތަހުގީގު ކުރާ ޖިނާއީ ބޮޑެތި މައްސަލަތަކާ މުޖުތަމައުގެ އާންމު މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި ފުލުހުންނާއި ޕީޖީ އޮފީހާމެދު މުވާސަލާތު ކުރާނެ ލިޔެވިފައިވާ އުސޫލެއް އެކުލަވާލައިފައިވާ ކަމަށެވެ. އަދި މި އުސޫލަށް މިމަހު 2 ވަނަ ދުވަހުން ފެށިގެން ޕީޖީން އަމަލުކުރަން ފަށައިފައިވާއިރު ިމަހު 3 ވަނަ ދުވަހުން ފެށިގެން މި އުސޫލަށް އަމަލު ކުރުމަށް ފުލުހުންނަށް ވަނީ އަންގާފައެވެ.

އެ އުސޫލަށް އަމަލުކުރަން ފެށުމާއެކު ފުލުހުން ތަހުގީގު ކުރާ މައްސަލަތަކުގެ ތެރެއިން އެ އުސޫލުގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ މައުލޫމާތު ޕީޖީ އޮފީހާ ހިއްސާ ކުރާތާ 24 ގަޑިއިރު ތެރޭގައި އެ މައްސަލައެއްގައި މަސައްކަތްކުރާނެ ޕްރޮސިކިއުޓަރެއް ނުވަތަ ޕްރޮސިކިއުޓަރުންގެ ޓީމެއް އައްޔަންކުރާނެ ކަމަށް ޕީޖީގެ ބަޔާނުގައިވެއެވެ. އަދި މައްސަލައިގެ ތަހުގީގު ޓީމާއި ޕްރޮސިކިއުޓަރުންނާ ދެމެދުގައި ދެކެވޭ ވާހަކަތަކާ، މައްސަލައިގެ ތަހުގީގަށް ޕްރޮސިކިއުޓަރުން ދެއްވާ ލަފާ ލިޔުމުން ފެންނަން އޮންނާނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނީ، އާ އުސޫލުގެ ދަށުން ޕީޖީ އޮފީހާއި ފުލުހުންނާ ދެމެދު ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް، ރިއަލް ޓައިމްކޮށް، މައުލޫމާތާއި ލަފާ ބަދަލުކުރެވޭނެ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެ ނިޒާމުގެ ތެރެއިން، ޖިނާއީ ބޮޑެތި މައްސަލަތަކާ، މުޖުތަމައުގެ އާންމު މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި، މީހަކު ހައްޔަރުކުރުމާއެކު، އެމައުލޫމާތު ފުލުހުންގެ ޕޯޓަލަށް އަޕްޑޭޓް ކުރާ ވަގުތު، ޕީޖީއަށް އެމައުލޫމާތު ލިބި، އެކަމުގެ ނޯޓިފިކޭޝަން ލިބޭނެއެވެ. ހަމައެއާއެކު އެކަމާ ގުޅިގެން ޕީޖީން އަޅަންޖެހޭ ފިޔަވަޅުތަކާ، އޭގެ ފަހުން، ދެ މުއައްސަސާގެ މެދުގައި މުއާމަލާތު ކުރެވެމުންދާނެ ގޮތުގެ އިޖުރާއަތްތައް ވެސް އެ އުސޫލުގައި ހިމެނޭ ކަމަށް ޕީޖީން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ މި އުސޫލުގެ ސަބަބުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސިކިއުޓަރުން އެއްކޮށް ކުރާ މަސައްކަތް، މިހާރަށްވުރެ އަވަސްވެ، ހަރުދަނާވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެއްގޮތަކަށް ކުރެވޭނެ ކަމަށެވެ. އަދި ފުލުހުންނާއި ޕީޖީ އޮފީހުގެ ހިދުމަތް މިހާރަށްވުރެ ބޮޑުތަކުން ރަނގަޅުކޮށް، ރައްޔިތުންގެ އިތުބާރު އިތުރުކޮށް ދެމެހެއްޓޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

އެ އުސޫލުގައި، މިދިޔަ މޭއި 12 ވަނަ ދުވަހު ޕީޖީން ނެރެފައިވާ "ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދުގެ 1" ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާނެ ގޮތުގެ ތަފްސީލް ބަޔާންކޮށްފައިވާނެ ކަމަށް ޕީޖީން ބުނެއެވެ. އެ އުސޫލު ގާއިމް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ލަފަޔާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.