އަޑި ޕާކްގައި ތަރައްގީ ކޮށްފައިވާ "ލޮނުޒިޔާރަތް ޕާކު" ނޮވެމްބަރު 11 ގައި ހުޅުވަން ނިންމައިފިއެވެ.

ސިޓީ ކައުންސިލްގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު މިއަދު ވިދާޅުވީ، މިމަހުގެ 11 ވަނަ ދުވަހު އެ ޕާކް ހުޅުވާނެ ކަމަށެވެ. އަދި ހުޅުވާއިރު އެތަނާއި ގުޅޭ ހާއްސަ ޕްރެސް މޭޔާ ޝިފާ މުހައްމަދު ދެއްވާނެ ކަމަށެވެ.

ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެޕާކު ތަރައްގީ ކުރަމުން ދަނީ ވަރަށް ހިތޔްގައިމު ގޮތަކަށެވެ. އެގޮތުން ޕޮންޑަކާއި، ޕޮންޑް ހުރަސް ކުރެވޭ ގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑެއް ހިމެނެއެވެ.

އޭގެ އިތުރުން 300 އަށްވުރެ ގިނަ ބެންޗާއި، ކަސްރަތަށް ދުވެވޭނެ ލޭނެއްގެ އިތުރުން ބައިސްކަލު ދުއްވާ ލޭނެއް ވެސް ހިމެނެއެވެ.

އެ ޕާކާ ބެހޭ ގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސް ދަނީ ތަފާތު ވާހަކަތަށް ދައްކަމުންނެވެ. އެގޮތުން ކުރީގެ ހައުސިންގް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖާ އިންވެގެން އޮންނަ އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަން ފަށާފައިވާ ޕާކަކީ "ކޮރަޕްޝަން ޕާކް" ކަމަށެވެ.