ތޫމް ރެސްޓޯރަންޓުން ފިލާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަކީ ތޫމް ރެސްޓޯރަންޓް ބަންދުކުރުމަށް އެތަނުން ބޭނުން ކުރަމުން ދާ ފިލާތަކެއް މިދިޔަ އޮކްޓޯބަރު މަހު 3 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާ ފައިވާ މައްސަލައާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުން ދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.

އެގޮތުން ފުލުހުން ވަނީ އެ ދެ މީހުންގެ ވީޑިއޯ އާންމު ކޮށްފައެވެ.

މި ވީޑިއޯއިން ފެންނަނީ ދެމީހަކު މަގު ހުރަސްކޮށް، މަގުން ދިޔަ ޕިކަޕެއް މަޑު ކުރުވާ، އޭގައި އިން ޑްރައިވަރާ ވާހަކަ ދެއްކުމަށް ފަހު ހިނގާފައި ދާ މަންޒަރެވެ. އެ ދެމީހުންގެ ކޮނޑުގައި ވެސް ދެ ދަބަސް އޮތެވެ. ފެންނަ ފެނުމަށް ޒުވާން އުމުރުގެ އެ ދެ މީހުން ތިބީ އާދައިގެ ގޮތަކަށް ހެނދުން އަޅައިގެންނެވެ. އެކެއްގެ ބޮލުގައި ތޮތްޕެއް ވެސް އޮތެވެ. ދެ މީހުން ވެސް ތިބީ މާސްކު އަޅައިގެންނެވެ.

ފުލުހުން ވަނީ މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

މިގޮތަށް މީހުން ހޯދުމަށް ފުލުހުން ދަނީ ސީސީޓީވީ ފޫޓޭޖްތައް ބޭނުން ކޮށްގެން އާންމުންގެ އެހީއަށް އެދެމުންނެވެ. އެގޮތުން ދާދި ފަހުން ފުލުހުން ވަނީ ޔޫރޯ އޮފީހުން ވައްކަން ކުރި މީހަކު ހޯދަން ވެސް ސީސީޓީވީ ފޫޓޭޖް އާންމު ކޮށްފައެވެ. އަދި އައިޖީއެމްއެޗް ސަރަހައްދު މޫދުގައި މަރުވެފައި އޮތް މީހެއްގެ މަރާ ގުޅޭ މައުލޫމާތު ހޯދުމަށް ވެސް ފުލުހުން ވަނީ އޭނާ ދަތުރު ކުރި މަގުތައް ސީސީޓީވީ ފޫޓޭޖް ތަކުން ބަލައި، އެ ފޫޓޭޖުތައް އާންމު ކޮށްފައެވެ.