ރާއްޖޭގައި އަންހެނުން ހިތާނުކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެއެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ ތަގުރީރު ކުރައްވަމުން އެޓާނީ ޖެނެރަލް ރިފްއަތު ވިދާޅުވީ އަންހެނުން ހިތާނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއްވެސް ވަރަކަށް ތާއީދު ނުކުރާ ކަމަށާ އެކަމަށް ހިތްވަރުވެސް ނުދޭނެ ކަމަށެވެ.

އަދި އެއީ ގާނޫނީ ކުށަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިއްފަތް ވިދާޅުވިއެވެ.

ރާއްޖޭގައި އަންހެނުން ހިތާނުކުރުމަކީ ގާނޫނީ ކުށަކަށް ހަދަން ނިންމާފައިވާއިރު، ރާއްޖޭގެ އަންހެނުންގެ ތެރެއިން 13 ޕަސެންޓަކީ ޒުވާން އުމުރުގައި ހިތާނު ކޮށްފައިވާ މީހުން ކަމަށް ޔުނިސެފުން ކުރި ދިރާސާއަކުން ވަނީ ދައްކާފައެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި އުމުރުން 45 އަހަރާއި 49 އަހަރާ ދެމެދުގެ 38 ޕަސެންޓް އަންހެނުން ހިތާނު ކޮށްފައި ވާއިރު، އުމުރުން ހަގުވާ ވަރަކަށް އެ ނިސްބަތް ވަނީ ދަށްވެފައެވެ.

މީގެ އިތުރުން އެ ރިޕޯޓުގައިވާ ގޮތުން، 15 އަހަރާއި 19 އަހަރާ ދެމެދުގެ އަންހެން ކުދިން ހިތާނު ކޮށްފައި ވަނީ އެންމެ ޕަސެންޓެކެވެ. މިއީ ކުރިން ރާއްޖޭގައި އާންމު އަދި މިހާރު އުވެމުންދާ ސަގާފަތެއްކަން އެނގެއެވެ.

ދާދިފަހުން އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދުނު މައްސަލައެއްވެސް ވަނީ ފެންމަތިވެއެެވެ. ނަމަވެސް ފަހުން ހެލްތު މިނިސްޓްރީން ވަނީ އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ބާތިލްކޮށްފައެެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ކުރުން ރަނގަޅު ކަމެއް ގޮތުގައި ދެކިގެން ރާއްޖޭގައި ވެސް ފުޅާދާއިރާއެއްގައި އެކަން ކުރަމުންދަނިކޮށް އެކަން ނައްތާލެވުނީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ.