ރައްޔިތުން ބޭނުން ވި ނަމަވެސް ﷲ ކަނޑައަޅުއްވައި ފައިވާ ހުކުމެއް ބަދަލެއް ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް ވިދާޅުވެ، އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތަށް ރައްދު ދެއްވައިފިއެވެ.

އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް މުރާޖައާ ކުރަން އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން، މަރުގެ އަދަބު އުވާލެވޭނީ ދިވެހި ރައްޔިތުން އެގޮތަށް ބޭނުންވާ ނަމަ ކަމަށް ރިއްފަތް ވިދާޅުވުމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވި ނަމަވެސް ﷲ ކަނޑައަޅުއްވާފައިވާ ހުކުމަކަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ރިއްފަތް ވިދާޅުވެފައި ވަނީ މަރުގެ އަދަބު އުވާލަން ރާއްޖެއަށް އެކި ފަރާތްތަކުން ގޮވާލައި ގޮވާލުންތައް ފާހަގަ ކުރައްވާ ކަމަށާއި ނަމަވެސް ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށެވެ.

އަދި އެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެއިން ދަމަހައްޓާނެ ކަމަށާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރުމަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަލުން ފެށުމަށް ވުރެ މާ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިއްފަތު ވިދާޅުވީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތީ، އިންސާނީ ހައްގުތައް ދިރުވުމަށާއި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ވައުދައިގެން ކަމަަށެވެ. މި ކަންކަން ފުރިހަމަ ކުރުމަށްޓަކައި ތަންފީޒު ކުރަން ޖެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާ އެކުގައި ތިބޭނެ ކަމަށް ރިއްފަތު ވަނީ ވިދާޅުވެފައެވެ.