ކުށްކުރާ ކުދިންނާ ކުށުގެ ވެށީގައި އުޅޭ ކުދިންގެ މައްސަލަތައް ހައްލުކުރުމަކީ މި ސަރުކާރުން ނުހަނު އަހައްމިއްޔަތުކަން ދީގެން ކުރާ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖެންޑާ މިނިސްޓަރު މިހެން ވިދާޅުވީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް މުރާޖައާ ކުރަން އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނަވާ ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު އައިޝަތު ދީދީ ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުގައި ހިމެނޭ ހުރިހާ އޮޕްޝަނަލް ޕްރޮޓޮކޯލްތަކުގައި ރާއްޖެ ބައިވެރިވެފައިވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.
އެގޮތުން ކުށްކުރާ ކުދިންނާ ކުށުގެ ވެށީގައި އުޅޭ ކުދިންގެ މައްސަލަތައް ހައްލުކުރުމަކީ މި ސަރުކާރުން ނުހަނު އަހައްމިއްޔަތުކަން ދޭ ކަމެއް ކަމުގައި ޖެންޑާ މިނިސްޓަރު ވިދާޅުވިއެވެ. ދާދިފަހުން ތަސްދީގު ކުރެވުނު ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ތެރެއިން މި މައްސަލަތަކަށް އެޑްރެސްކުރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ގާނޫނުގައި ކުށްކުރާ ކުދިން ތައުހީލު ކުރުމަށް ބާރުއަޅާ ކުށުގެ ވެށިން ދުރުކޮށް ދިނުމަށް މަސައްކަތްކުރާނެ ކަމަށާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޮންމެ ފަހަރެއްގައި ހައްލު ހޯދުމުގެ ބަދަލުގައި ޑައިވާޝަން ޕްރޮގްރާމްތައް ގާއިމްކޮށް ކުށުގެ ވެށީގައި އުޅެމުންދާ ކުދިންނާ އެކީގައި މަސައްކަތް ކުރެވޭނެ ނިޒާމެއް އެ ގާނޫނުގެ ތެރެއިން ގާއިމް ވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އާގާނޫނެއް ނިމިދިޔަ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުތެރޭގައި ވަނީ ތަސްދީގުކޮށްފައެވެ. އެ ގާނޫނުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ އަސާސްތައް ދަމަހައްޓާ ކުޑަކުދިންނާ މެދު ކުރެވޭ ތަފާތުކުރުން ނައްތާލާ އެކި ބާވަތްތަކުގެ އަނިޔާތަކުން އެކުދިން ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ބާރުއަޅައެވެ. ސަގާފީ އާދަކާދައިގެ ތެރެއިން ކުޑަކުދިންގެ ހެދިބޮޑުވުމާއި ކަރާމާތަށް އަސަރުކުރުވާނެ ކަންކަން ނުކުރުމަށާ ޅަފަތުގައި ފޯރުކޮށްދޭންޖެހޭ އެންމެހާ ވެކްސިން ދިނުމަށާ އުފަންވުން ރެޖިސްޓާކޮށް އެކަށޭނެ ސިއްހީ ފަރުވާ ލިބުމުގެ ހައްގު މި ގާނޫނުން ކަށަވަރުކޮށްދެއެވެ.
ހަމައެއާއެކު އެ ގާނޫނުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގައި ލިބިދޭ އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި 18 އަހަރު ނުފުރެނީސް މަރުގެ އަދަބު ތަންފީޒުކުރުމަށް މަނާކުރެއެވެ. އަދި 18 އަހަރުން ދަށުގެ ކުދިން ކައިވެނިކޮށްދިނުން މަނާކޮށް، ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމުގައި ވަނީ ކަނޑައަޅާފައެވެ.