އައްޑޫގައި ގެނބިގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑަށް ޓެސްޓުކޮށް، އޭނާ ސަލާމަތް ކުރި މީހާ ނަތީޖާ ލިބެން ދެން އެކަހެރިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި މިއަދު މޫދަށް ގޮސް ގެނބިގެން ހޮސްޕިޓަލަށް ގެންދިއުމުން ކޮވިޑަށް ޓެސްޓު ކޮށްފައިވާ މީހާއަކީ އެ ރަށަށް މާލެއިން ގޮސް ހޯމް ކަރަންޓީންގައި ހުރި މީހެކެވެ. އޭނާ ވަނީ އެޗްޕީއޭގެ ކަރަންޓީން އުސޫލާ ހިލާފްވެފައެވެ. އެހެންކަމުން އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުން ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ. އަދި އޭނާ ސަލާމަތް ކުރި މީހާ ވަނީ އައިސޮލޭޝަންއަށް ގެންގޮސްފައެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެޗްޕީއޭއިން ބުނީ، އެ މީހާ ވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފްވެފައި ކަމަށާ އޭނާގެ ޓެސްޓުގެ ނަތީޖާ އަދި ޔަގީން ނުވާ ކަމަށެވެ. އޭނާގެ ޓެސްޓުގެ ނަތީޖާ ޔަގީންވުމާއެކު އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މާލެއިން ޕޮޒިޓިވް ކޭސްތައް ފެންނަމުން އަންނަ އަދަދު މަދުވަމުން ދާ އިރު މިހާރު ރަށްރަށުން ކޮވިޑް ކޭސްތައް މަދުން ނަމަވެސް އަންނަނީ ފެންނަމުންނެވެ. އެ ގޮތުން ގިނައިން ރަށްރަށުން ކޮވިޑް ކޭސް ފެނިފައި ވަނީ ރަށްރަށަށް މާލެއިން ގޮސް ކަރަންތިންގައި ތިބޭ މީހުންގެ ފަރާތުންނެވެ.
މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،796 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،962 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 789 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 55 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 216 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 38 އަށް އަރާފައެވެ.