އދ ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތަކާ ގުޅޭގޮތުން ބާއްވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ސެޝަންގައި އިސްލާމް ދީނާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ބަލައިނުގަންނާނެ ކަމަށް ރާއްޖެއިން ބުނެފިއެވެ.

ސަރުކާރުން ބުނީ ޔޫޕީއާރުގެ ސެޝަންގައި ރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ބަލައިނުގަންނާނެ ކަމަށެވެ.

އދ. ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަތުމަށް ބާއްވާ ޔޫޕީއާރް ސެޝަން އޮންނާނީ މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައި، ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުގައެވެ.

އެގޮތުން އެ ސެޝަންގައި ވާޗުއަލީ ބައިވެރިވެވަޑައިގެން ދިވެހިރާއްޖެ ތަމްސީލުކުރައްވާނީ، ދިވެހިރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލެގަޝޭންގެ ގޮތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ އާއި މިނިސްޓަާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް އަދި މިނިސްޓާ އޮފް ހޯމް އެފެއާޒް އައްޝައިހް އިމްރާން އަބްދުﷲ އެވެ.

ސުވިޓްޒަލޭންޑްގެ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހްމަދާއި، ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ އޮފިޝަލުން އެ ސެޝަންގައި އިން-ޕާސަން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މިއަދު ބާއްވާ ޔޫޕީއާރުގެ ދިވެހިރާއްޖޭގެ ރިވިއު ސެޝަންއަކީ، ދިވެހިރާއްޖޭގެ ތާރީހުގައި، ޔޫޕީއާރު ގެ ވޯކިންގް ގްރޫޕްގެ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ވަފުދުގައި ދައުލަތުގެ ގިނަ ވަޒީރުން ހިމެނިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެ ރިވިއު ސެޝަންގައި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއިން ހާސިލްކޮށްފައިވާ ކާމިޔާބީއާ، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ، ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓާވެންޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އަދުލު އިންސާފާ، މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ، ގާނޫނު ތަންފީޒުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާ، ހިޔާލުފާޅުކުރުމާއި ޖަމިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަމާ، ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން މިނިސްޓަރުން އިންޓާވެންޝަން ހުށަހަޅުއްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ސެޝަންގައި، ރާއްޖޭން މި އަހަރުގެ ފެބްރުއަރީ މަހުގެ 3 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތާ، މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑާ ރިޕޯޓުތަކާއި، އދ ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާ ގުޅޭގޮތުން ގައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، ދިވެހިރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ގައުމަކުން އެދިފައިވާކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ޔޫޕީއާރު އަކީ، ދ.އ ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސްއެކެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ އެ ޕްރޮސެސްގެ ފުރަތަމަ ސައިކަލްގައި 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގެންގޮސްފައިވާއިރު، 2015 ގައި އެ ޕްރޮސެސްގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގޮސްފައިވެއެވެ.