މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތުން 21.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާ ހަމަ އެމުއްދަތުގައި ދައުލަތުން ކޮށްފައިވާ ހަރަދު ވަނީ 21.7 ބިލިއަން ރުފިޔާ އަށް އަރާފައި ކަމަށެވެ.
އެގޮތުން މިދިޔަ މަހުގެ 29 ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ސަރުކާރަށް 8.770 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ނޮން-ޓެކްސްގެ ގޮތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.147 ބިލިއަން ރުފިޔާއެވެ. އަދި ބޭރު އެހީތަކުގެ ގޮތުގައި ސަރުކާރަށް 603.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އެ މުއްދަތާ ހަމައަށް ދައުލަތަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައި ވާއިރު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ފީ އާއި އެހެނިހެން ޗާޖުތަކުން، 740 މިލިއަން ރުފިޔާއެވެ.
ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފާއިތުވި 43 ހަފްތާގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 110 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.
ދައުލަތުގެ ހަރަދަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުސާރަ އާއި އިނާޔަތްތަކަށެވެ. މުސާރަ އާއި އިނާޔަތްތަކަށް 8.1 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އާސަންދަ އަށް 906.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ލޯނު ދެއްކުމަށް 793.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ތަފްސާހިސާބުތަކުން ދައްކައެވެ.
އިންޓްރަސްޓާއި ނުލާ ދައުލަތުގެ ބަޖެޓުން 9.596 ބިލިއަން ޑެފިސިޓްވެފައިވާ އިރު، ޖުމްލަ 10.329 ބިލިއަން ރުފިޔާ މިހާތަނަށް ދައުލަތުގެ ބަޖެޓުން ވަނީ ޑެފިސިޓްވެފައިވެއެވެ.