މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމަށް ނައިބް ރައީސް ފައިސްލަ ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އިސްވެރިންނާ ބައްދަލުކުރައްވާ ނައިބް ރައީސް ވިދާޅުވީ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، އެ ކަމެއްގައި ޝާމިލުވާ ހުރިހާ އިދާރާއެއްގެ ހިއްސާއާއި ބައިވެރިވުން އޮންނަ ގޮތަށް ކަންތައްތައް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި، އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް އެ ސާވިސްއަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.

މިއަދުގެ އެ ބައްދަލުކުރެއްވުމުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އިސްވެރިން ވަނީ ޓެލެކޮންސަލްޓޭޝަންގެ ހިދުމަތްތައް ފެށުމަށް ކުރަމުންދާ ތައްޔާރީތަކާއި، ހިދުމަތް ހޯދާ މީހުންގެ ރިކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް "ޑިޖިޓަލައިޒް" ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ނައިބް ރައީސާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، އެ ސާވިސްއިން ދެމުންގެންދާ ހިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ވަނީ ނައިބް ރައީސާ ހިއްސާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ ނައިބުގެ އަރިހުގައި މިނިސްޓާ އޮފް ހެލްތް އަހްމަދު ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.